ސިއްހަތު

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާބެހޭ ޕްލޭން


ދިވެހިރާއްޖޭގައި ޢާއްމުކޮށް ފެންނަ ގައިންގަޔަށް ނާރާ ބަލިތަކާއި މި ބަލިތަކަށް މަގުފަހި ކުރުވާ ހިރާސްތަކާމެދު ޢާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމަށްޓަކައި ޤައުމީފެންވަރެއްގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ފަސް އަހަރުގެ ޕްލޭން މިއަދު އިފްތިތާޙް ކުރައްވައިފިއެވެ.

"ނޭޝަނަލް އެކްޝަން ޕްލޭން ފޮރ ދަ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮން-ކޮމިއުނިކެބްލް ޑިޒީސް" ގެ ނަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެލުލަވާލާފައިވާ ޕްލޭން އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި އައި.ޖީ.އެމްއެޗްގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޒިމް އިބްރާހީމްއެވެ.

މި ޕްލޭނަކީ، ގައިން ގަޔަށް ނާރާ ބަލިތަކާއި، މި ބަލިތަކަށް މަގުފަހިކުރުވައި ހިރާސްތަކާމެދު ޢާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށްޓަކައި ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ފަސްއަހަރުގެ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހުރިހައި މުއައްސަސާތައް ގުޅިގެން، ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރެވި، މިފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ފެންވަރުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒްކުރެވިގެން ދާނޭކަމަށް ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. މިޕްލޭންގެ އަލީގައި، ރާއްޖޭގެ އެންމެހައި ފަރުދުންގެ މެދުގައި، ގައިން ގަޔަށްނާރާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުވެ، މިކަންކަމުން މީހުން ރައްކާވެ ތިބުމަށާއި، އަދި ސަރުކާރުން މިހާރުވެސް ކުރަމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނޭކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14724814544864.jpg|ޕްލޭން އިފްތިތާޙުކުރުމުގެ ޖަލްސާގައި މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ޞިއްޙީ ސިޔާސަތަކީ، ރައްޔިތުން ބަލިވީމާއި ބޭސްފަރުވާ ދިނުމުގެ ބަދަލުގައި، ބަލިވުމުގެ ކުރިން ދުރާލައި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވޭނޭ ނިޒާމެއް ޤާއިމް ކުރެއްވުންކަމަށެވެ. އެގޮތުން، ސަރުކާރުގެ މަޝްރޫޢުތައް މިހާރުވެސް ބައްޓަން ކުރައްވަމުން ގެންދަވަނީ މި ވިސްނުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައިގަނޑު ހަތަރުކަމެއްގެ މައްޗަށް ބިނާކޮށް، ޕްލޭން އެކުލަވާލާފައިވާއިރު، މިޕްލޭން ތަންފީޒްކުރުމަށް ކަމާގުޅޭ 17 މުއައްސަސާއެއް ހިމެނޭ ގޮތުން ވަނީ ކޮމިޓީއެއް އެކުލަވާފައެވެ. މި ޕްލޭން ވިލަރެސްކޮށް، ތަންފީޒް ކުރެއްވުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، މުއައްސަސާތަކާއި، އަދި ސިޔާސީ ފެންވަރެއްގައި މިޕްލޭން ތަންފީޒުކުރުމަށް އެއްބާރުލުން ލިބިއްޖެނަމަ 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޢަމާޒަށް ވާޞިލްވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14724814872929.jpg|ޕްލޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އެޗް.ޕީ.އޭގެ ފަރާތުން ވާހަކަ ދެއްކެވި، އެން.ސީ.ޑީ ޑިވިޝަންގެ ހެޑް ޙަސަން މުޙައްމަދު ވިދާޅުވީ، ޕްލޭން ތަންފީޒް ކުރުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ކަމާ ގުޅުން ހުރި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް އެއްބާރުލުންދޭނޭ ކަމުގެ ޔަޤީންކަން ދީފައިވާކަމަށާއި، މީގެ ސަބަބުން ޕްލޭން ތަންފީޒްކުރުމަށް ފަސޭހަވެގެން ދާނޭކަމަށެވެ. އޭނާ ވިދާޅުވީ، ޕްލޭންގައިވާ ގިނަ ކަންތައްތަކަކީ މިހާރުވެސް އެއެޖެންސީން ޢަމަލުކުރަމުންދާ އުޞޫލްތައް ކަމަށާއި، އެހެންކަމުން ޕްލޭންގައިވާ ކަންކަން ތަންފީޒްކުރުމުގައި އިތުރު ހިތްވަރަކަށް ވެގެންދާނޭކަމަށެވެ.

2014 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ދިވެހި ރާއްޖޭގައި މަރުވާ މީހުންގެ އަށްޑިހަ އެކެއް އިންސައްތަ މީހުން މަރުވެފައިވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ. މީގެތެރޭގައި ގިނައީ ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ބަލީގައި މަރުވާ މީހުންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ދިރިއުޅުމުގެ އާޖުފާޖު ބަދަލުކޮށްލައިފިނަމަ ގައިންގަޔަށް ނާރާ ބަލިތަކުން ފަސޭހަކަމާއެކު ރައްކާތެރިވެ ތިބެވޭނެއެވެ.