ޤައުމީ ތަރައްޤީގެ އެކިއެކި ދާއިރާތަކަށް އަމާޒު ކޮށްގެން މަތީ ތަޢުލީމުގެ އެކި ސްކީމްތަކަށް ކިޔެވުމަށް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 1.9 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު އެ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ހަފުތާ 104 ޕްރޮގްރާމްގައި ޙިއްސާ ކުރައްވަމުންނެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ، ޤައުމީ ތަރައްޤީގެ އެކިއެކި ދާއިރާތަކަށް އަމާޒުކޮށް މަތީ ތަޢުލީމަށް ކިޔެވުމަށް އެކި ސްކީމްތަކުން ފުރުޞަތުތައް ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޮލަރޝިޕް ސްކީމާއި، ލޯނު ސްކީމާއި، ފުރަތަމަ ޑިގްރީ ސްކީމުން ފުރުޞަތުތައް ފަހިކޮށްދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި 2 އަހަރުގެ ތެރޭގައި ލޯނު ސްކީމަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް އެ ފުރުޞަތު ދީފައިވާ ކަމަށެވެ. އަދި ލޯނު ސްކީމުގައި ރާއްޖެއަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ކިޔެވުމަށް ޚާއްސަކޮށް ފުރުޞަތުތައް ދެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ލޯނު ސްކީމުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދޭއިރު، ކިޔަވާ ނިންމުމަށްފަހު އަނބުރާ އެ ލޯނު ދެއްކުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ލޯނު އަނބުރާ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ސިޔާސަތު ކަރުދާހެއް ތައްޔާރުކުރުމަށްފަހު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
"ރައީސް ނިންމަވާފައި އޮތީ ލޯނު ސްކީމުގެ މަދުވެގެން ދެބައިކުޅަ އެއްބައި ހައިލީ ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ފުރުޞަތު ދިނުމަށް. އޭގެ ތެރޭގައި އިންޖިނިއަރުން، ޑޮކްޓަރުން ފަދަ ޓެކްނިކަލް ދާއިރާތައް ހިމެނޭ. ކޮންމެ އަހަރަކުވެސް އެގޮތަށް ދެމުން ގެންދާނީ" މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
ސްކޮލަޝިޕް ސްކީމަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެކި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމުގެ ދަށުން ސްކޮލަރޝިޕްތައް ހޯދުމަށް ވޭތުވެދިޔަ 2 އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން ލިބޭ ސްކޮލަޝިޕްތަކަށް ބޭނުންވާ ޢަދަދަށް ދަރިވަރުން ކުރިމަތި ނުލާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސްކީމްތަކަށް އިޢުލާން ކޮށްގެން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެފުރުޞަތު ދިނުމަށް މަސައްކަތް ކުރަނީ. އެހެން ޤައުމުތަކުންވެސް ސްކޮލަރޝިޕްތައް ހޯދުމަށް މަސައްކަތް ކުރަން." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، ޑިގްރީ ސްކީމަށް ކިޔެވުމުގެ ފުރުޞަތުވެސް މިދިޔަ 2 އަހަރުގެ ތެރޭގައި ދީފައިވާ ކަމަށެވެ. އެއާއެކު މި ހުރިހާ ސްކީމަކަށް 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ 2 އަހަރު 699 ސްކޮލަރޝިޕާއި، 2108 ދަރިވަރުން ކިޔެވުމަށް ލޯނު ދޫކޮށްފައިވެއެވެ. އަދި ފުރަތަމަ ޑީގްރީ ސްކީމުން 8445 ދަރިވަރުންނަށް ފުރުޞަތު ދީފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 11252 ދަރިވަރުންނަށް މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައިވާ ގޮތުން ސްކޮލަރޝިޕް އަދި ފްރީ ޑިގްރީގެ ޚަރަދުގެ ގޮތުގައި 619.9 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ، މިއަހަރަށް ކަނޑައެޅި ޢަދަދަށްވުރެ %29.4 އިތުރުވުމެކެވެ.
މީގެއިތުރުން އަންނަ އަހަރު މުޅިން އަލަށް 239 ދަރިވަރުން ސްކޮލަރޝިޕް ސްކީމްގެ ދަށުން ކިޔަވަން ފަށާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޖުމުލަ 881 ދަރިވަރުންނަށް އެކި ސްކޮލަރޝިޕްގެ ޚަރަދު ހިމަނާފައިވެއެވެ.
ލޯނު ސްކީމަށް ބަލާއިރު ބަޖެޓުގައި ވަނީ، 776.6 މިލިޔަން ރުފިޔާ ހިމަނާފައެވެ. މި ހޭދައިގެ ތެރޭގައި އަންނަ އަހަރު 500 އައު ދަރިވަރުންނަށް ލޯނު ދިނުމަށް ހިނގާނެ ޚަރަދު ހިމާނާފައިވެއެވެ. އެއާއެކު ޖުމުލަ 3258 ދަރިވަރުންގެ ލޯނަށް ޚަރަދުވާނެވަރު ހިމަނާފައިވެއެވެ.