ވިޔަފާރި

ރާއްޖޭގައި ސޮފްޓް ޓޯއީސް ފަދަ ތަކެތި އުފައްދާ ފެކްޓްރީއެއް ހަދަނީ


ރާއްޖޭގައި ސޮފްޓް ޓޯއީސް ފަދަ ތަކެތި އުފައްދާ ފެކްޓަރީއެއް ޤާއިމުކުރެއްވުމަށް ހަމަޖައްސަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިކަމަށް ބޭނުންވާ ދިރާސާތައް މިހާރު ވަނީ ނިމިފައެވެ.

ޢާންމު ދިވެހިންނާއި ދަރިވަރުންނާއި އަދި ފަތުރތުވެރިންވެސް ޝައުގުވެރިވާ ބާވަތުގެ ސޮފްޓް ޓޯއީސް ރާއްޖޭގައި އުފެއްދެވުމަށާއި އަދި އެފަދަ އުފެއްދުންތައް ބާޒާރަށް ނެރެ އިޤްތިޞާދަށް ފައިދާ ލިބޭނެ އިންތިޒާމަ ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މިކަމަށް ކުރައްވަންޖެހޭ ބައެއް މަސައްކަތްތައްވެސް ވަނީ ފަށްޓަވާފައެވެ.

އިކޮނޮމިކް މިނިސްޓަރުގެ، ނާއިބް ޢަބްދު ﷲ މުޙައްމަދު ވިދާޅުވީ ރާއްޖޭގައި ސޮފްޓް ޓޯއީސްފަދަ ތަކެތި އުފައްދާ ފެކްޓަރީއެއް ޤާއިމްކުރުމާ ގުޅޭ ދިރާސާތައް ކުރައްވައި ނިމިފައިވާ ކަމަށެވެ. އަދި ފެކްޓްރީ ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފެކްޓަރީ ޢިމާރާތްކުރައްވާނެ ބިމެއް ހޯއްދެވުމުގެ މަސައްކަތްކަމަށް ޢަބްދު ﷲ މުޙައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިއޮތީ ދިވެހިރާއްޖޭގައި ފެކްޓަރީއެއް ޤާއިމްކުރަން ނިންމާފައި. އެގޮތުން އަޅުގަނޑުމެން މިހާރުވަނީ އެކަމާއި ގުޅޭ ހުރިހާ ދިރާސާތަކެއްކޮށް އަދި އެއަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ލިބި، ބިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ، އުއްމީދަނީ ހުޅުމާލޭގައި އަޅުގަނޑުމެންގެ މަސައްކަތް ފެށުން" އަބްދުއް ﷲ މުޙައްމަދު ވިދާޅުވި.

އެކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ފެކްޓަރީގައި އުފެއްދެވުމަށް ހަމަޖެހިފައިވަނީ 5 ބާވަތެއްގެ ތަކެތި ކަމަށެވެ. އަދި އުއްމީދަކީ މިފަހަރުގެ އެކްސްޕޯގައި އޭގެ ބައެއް ނަމޫނާތައް ދައްކަވާލެއްވުން ކަމަށެވެ.

އަންނަ އަހަރުތެރޭ އެ ފެކްޓްރީއިން އުފައްދާތަކެތި ބާޒާރަށް ނެރުއްވުމަކީ އެ މިނިސްޓްރީގެ އަމާޒު ކަމަށްޢަބްދު ﷲ މުޙައްމަދު ވިދާޅުވިއެވެ.

މި ފެކްޓްރީ ޤާއިމްކުރެއްވުމުން ވަޒީފާގެ ގިނަ ފުރުޞަތުތައް ލިބިގެންދާނެ ކަމަށާއި، ބާޒާރުގައި ހެޔޮއަގެއްގައި ތަކެތި ލިބެން ހުންނާނެކަމަށްޢަބްދު ﷲ މުޙައްމަދު ފާހަގަކުރެއްވިއެވެ.

ބާވަތެއްގެ އުފެއްދުންތައް، އަޅުގަނޑުމެން މިސާލަކަށް ސޮފްޓް ޓޯއީސް މީ އެއް ބާވަތްކަމުގައިވިޔަސް، އޭގައި ތަފާތު، ހަމަ ދިވެހިން ޝައުގުވެރިވާ، ރާއްޖެއަންނަ ފަތުރުވެރިންވެސް ޝައުގުވެރިވާ، ދިވެހި ކިޔަވާ ކުދިންވެސް ޝައުގުވެރިވާ ކަހަލަ އުފެއްދުންތަކެއް އަޅުނޑުމެން އިރާދަކުރެއްވިއްޔާ ވުޖޫދަށް ނެރޭނަން، އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ އަޅުގަނޑުމެން މިހާރު މިއުޅެނީ އެންމެ ފައިނަލް މަރުހަލާގައި، އަޅުގަނޑުމެންގެ އުއްމީދަކީ މިފަހަރުގެ އެކްސްޕޯގައި އޭގެ ބައެއް ނަމޫނާތައް ދައްކާލުން އަދި މިއަންނަ އަހަރު ބާޒާރަށް ތަކެތި ނެރުން" އަބްދުއް ﷲ މުޙައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރައްވާ މައިގަނޑު ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުން ލިބޭ ބޭރު ފައިސާ އިތުރުކުރުމާއެކު އެހެން ދާއިރާތަކުންވެސް ދިވެހި އުފެއްދުންތައް އިތުރުކޮށް، ބޭރުގެ ބާޒާރަށް ނެރުއްވުން ހިމެނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންނަށް ދިވެހިވަންތަ ހަނދާނީ ހަދިޔާ އުފައްދައި ވިއްކުމަކީވެސް މުހިންމުވެފައިވާ ކަމެކެވެ.