ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ފައްޔާޞް އިސްތިއުފާދެއްވައިފި


  • ޕާޓީ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ފައްޔާޞް އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ.

ފައްޔާޞް އިސްތިއުފާދެއްވިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ފައްޔާޞް ވަނީ ނިމިދިޔަ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް އައިއިރު ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ފައްޔާޞް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ނިމުނުއިރު އެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށެވެ. އަދި އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގައި ތެރޭގައި އުފެދުނު މައްސަލަތައް ހައްލު ކުރެއްވުމަށްކަމަށާއި ނަމަވެސް އެކަމުގައި މާބޮޑު ކާމިޔާބެއް ނުލިބުނުކަމަށް ފައްޔާޞް ވިދާޅުވިއެވެ.

ފައްޔާޞް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާކަމަށާއި ރަސްމީކޮށް އިއުލާން ނުކުރެއްވިނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް ޕާޓީގައި އެތިއްބެވިކަމަށެވެ.

ފައްޔާޞް ވިދާޅުވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައި އޮތުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ. އަދި ޕާޓީން ހިންގާ ހަރަކާތްތަކަކީ އޭނާގެ އަމިއްލަ ފައިދާއާށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ދެކުމުގެ ފުރުސަތުވެސް އޮންނާނެތީ، ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަމަށް ފައްޔާޞް ވިދާޅުވިއެވެ.

ފައްޔާޞް ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެކަމަށެވެ.