ޚަބަރު

ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް ތަރައްޤީކޮށްދޭނަން: ރައީސް


  • ސްޕޯޓްސް ކޮމްޕްލެކްސްއަކީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީކުރެވޭނެ މަރުކަޒެއް

  • މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑް ކުރުމާއެކު ފީފާ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

އަންނަ އަހަރު ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. އަދި ވިލިމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ބިނާވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ފެށޭ އަހަރުގެ ތެރޭގައި ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު މަޝްރޫއަކަށްވާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން، އެއީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީ ކުރެވޭނެ މަރުކަޒެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލިމާލޭގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑްކުރުމާއެކު ފީފާ ފެންވަރުގެ ސްޓޭޑިއަމަކަށް މިހާރު އޮތް ދަނޑު ބަދަކުުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ.

"ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ދަނޑަކަމަށް ހެދުންވެސް ހަމަ އޮތީ ކުރިޔަށް މިކަހަލަ ގިނަ ކަންތަތައްތަކެ އެބަހުރި ބަޖެޖުގައި އަޅުގަނޑުމެން ހިމަނާފަ ކުޅިވަރުގެ ދާއިރާއިންވެސް ވަރަށް ގިނަކަންކަން" ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭގައިވެސް ކުރިޔަށް އޮތް އަހަރު މުހިންމު ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.