ޚަބަރު

ހަކުރުބައްޔަށް މީޑިއާ ހޭލުންތެރިކުރުމަށް ޚާއްސަ ބައްދަލުވުމެއް


ހަކުރުބައްޔާ ދުޅަހެޔޮ ސިއްޙަތަކަށް މީޑިއާ ހޭލުންތެރިކުރުވުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޓްރޭނިންގ އިންސްޓިޓިއުޓް ކަމުގައިވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި ޚާއްޞަ މިބައްދަލުވުމަކީ އެއްދުވަހުގެ ބައްދަލުވުމެކެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ހަކުރުބައްޔަކީ އިތުރުވަމުން އަންނަ ބައްޔަކަށްވާތީ އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިއަދު ބޭއްވި ބައްދަލުވުމަކީ، ޢާމުންނަށް ހަކުރު ބައްޔާބެހޭ ރަނގަޅު މަޢުލޫމާތު ދެވޭފަދަ ޤާބިލް ބަޔަކަށް، ރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފަތުރާ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކާއި ރާއްޖޭގެ އަމިއްލަ މީޑިއާތައް ހިމެނޭގޮތުން 15 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބައްދަލުވުމުގައި ބައިވެރިވީ ޚަބަރުފެތުރުމުގައި އެކިފެންވަރުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ޕްރޮގްރާމްތައް އުފައްދަވާ ބޭފުޅުންނެވެ.

މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފެވެ. މުޙައްމަދު އިކްރާމު ވިދާޅުވީ، ނޫސްވެރިންނަކީ ހަމައެކަނި ސިޔާސީގޮތުން މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ވާހަކަ ފަތުރަންޖެހޭބައެއްކަމަށް ބެލިގެން ނުވާނެކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް މުހިއްމުވާ ހުރިހާ ކަމެއްގެ މަޢުލޫމާތު ފަތުރާ ބަޔަކަށް ނޫސްވެރިން ވާންޖެހޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.

މުޙައްމަދު އިކްރާމްގެ ވާހަކާގައި ރާއްޖޭގައި ފަންނުވެރިން ތަމްރީންކުރުމަށް ކުރަންޖެހޭ މަސައްކަތަށް ސަމާލުކަން ދެވިފައިވާ މިންވަރު މާޒީގައި ކުޑަކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާއިން މިކަމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ވަނީ ދެއްވާފައެވެ.

ޑައިބެޓީސް ސޮސައިސިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ ވިދާޅުވީ، މީޑިޔާއަށް އަމާޒުކޮށް މިފަދަ ވޯރކްޝޮޕެއް ހިންގުމުގެ ބޭނުމަކީ، ޚަބަރާ މަޢުލޫމާތު ފެތުރުމުގައި ސައްޚަ މައުލޫމާތު ބޭނުންކުރުމަށް ބާރު އެޅުންކަމަށެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ޑައިބެޓީސް ސޮސައިޓީގެ ފަރާތުން ބޭއްވެވި އެއްދުވަހުގެ މި ބައްދަލުވުމުގައި ރާއްޖޭގެ ހަކުރުބަލީގެ ޙާލަތާއި ހަކުރުބަލީގެ މައްޗަށް ޢާއްމުން ހޭލުންތެރިކަން އިތުރުކުރުވުމަށާއި މިކަންކުރުމުގައި މީޑިއާއިން ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މަޢުލޫމާތުދެއްވާފައިވެއެވެ.