ތަރައްްޤީ

3 މިސްކިތެއްގެ މަސައްކަތް ނިންމުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފި


ނުނިމި ހުރި 3 މިސްކިތެއް ނިންމުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 2 ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި 3 މިސްކިތުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ވިމްލާ ކޮންސްޓްރަކްޝަނާއި އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

މިތިން މަޝްރޫޢަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މިއަދު ސޮއިކުރައްވައި، ބަޔަކާ ޙަވާލުކުރެއްވި 3 މިސްކިތަކަކީ 2014 ވަނަ އަހަރު ސަޢޫދީޢަރަބިއްޔާގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރައްވަން ފަށްޓަވާފައިވާ މިސްކިތްތަކެއް ކަމަށެވެ. މިމިސްކިތްތަކުގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހުރެ ނުނިމި ލަސްވަމުން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 38 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަގެންދަވާ ކަމަށާއި 15 މިސްކިތެއްގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.

މިއަދު ޙަވާލުކުރެއްވީ، ށ. ފީވަކާއި، ނ. ޅޮހި އަދި ނ. މާޅެންދޫ މިސްކިތުގެ މަސައްކަތެވެ. ނ.ޅޮހީގައި ޢިމާރާތްކުރައްވަނީ 304 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ށ.ފީވަކާއި ނ.މާޅެންދޫގައި ޢިމާރާތްކުރައްވަނީ 504 މީހުންގެ ޖާގައިގެ ދެމިސްކިތް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.