ޚަބަރު

ރޯދަ ހަދިޔާއަށް ދޭ މަސްދަޅު އުފެއްދުމުގެ މަސައްކަތް ޖެނުއަރީ މަހު ނިންމާލެވޭނެ


  • މަސައްކަތުގެ %33 މިހާތަނަށް ވަނީ ނިމިފައި

  • މަސްދަޅު އުފެއްދުމުގެ މަސައްކަތް ފެށީ އޮކްޓޫބަރު މަހު ފަހުކޮޅު

ރޯދަ ހަދިޔާގެ ގޮތުގައި ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ކޮންމެ ރޯދަމަހަކުވެސް ރޯދަ ހަދިޔާ ސަރުކާރުގެ ފަރާތުން ދަނީ ދެމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހެކޭ އެއްގޮތަށް ކުރިއަށް ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. އެކަމުގެ ތައްޔާރީތައްވެސް މިހާރުވަނީ ފަށާފައެވެ.

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޤައުމީ މަސްކުންފުނި މިފްކޯއިންނެވެ. މިމަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިފްކޯއިން ވިދާޅުވީ ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ އެކުންފުނިން ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް މިމަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސައްކަތް ނިންމާލުން ކަމަށެވެ.

މިފްކޯއިން ވިދާޅުވީ އެކުންފުނިން މަސްދަޅު އުފައްދަނީ މިދިޔަ އަހަރު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް މަސްދަޅު އުފެއްދި މިންވަރަށް ރިޢާޔަތްކޮށްގެން ކަމަށެވެ. އަދި މިމަސައްކަތަށް ދުރާލާ ތައްޔާރުވެ މަސައްކަތް ފަށާފައިވާކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި. އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާ ގޮތުގައި މަސްދަޅުކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.