އިސްލާމީ ދާއިރާއިން މިހާރުވެސް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.
ޕީއެސްއެމްނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެ ވުޒާރާއިން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ވަޤުފު އިމާރާތްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް ތަރައްޤީކުރުމުގެ އެ މަޝްރޫޢުތައް ކުރިއަށްގެންދަވާކަމަށެވެ. އެގޮތުން މިފަދަ މަޝްރޫޢުތައް ހިމެނޭހެން ބިލިޔަން ރުފިޔާގެ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިވީ 2 އަހަރުގެ ތެރޭގައި 9 އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދިިިިި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި ތަރައްޤީކުރުމުގެ 5 މަޝްރޫޢުއެއް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތަކުގެ އިތުރުން ސަރުކާރުން ބިނާ ކުރާ މިސްކިތްތަކުގެ 44 މަޝްރޫޢުއެއް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމަކީ ރައީސްގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައްވެސް ތަރައްޤީކުރަނީ ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީތައްވެސް ހިމެނޭގޮތަކަށްކަމަށެވެ.
"އޭގެ އިތުރުން އަމިއްލަ ފަރާތްތަކަށް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް ކުރިއަށްދޭ. ޚާއްސަކޮށް މާލެ ސަރަޙައްދުގައި ހުރި ބާ މިސްކިތްތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ގާތްގަނޑަކަށް 3 އަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ބާ މިސްކިތްތަކެއް ނުހުންނާނެ. މުޅިން ހުންނާނީ އެންމެ ޒަމާނީ މިސްކިތްތައް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ވަޤުފުގެ މަޝްރޫތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ ވަޤުފުގެ މަޝްރޫޢުތަކަކީ އިސްލާމީ އުންމަތަށް ވަރަށް މުހިއްމު މަޝްރޫޢުތަކެއްކަމަށެވެ. އިސްލާމީ ޙަޟާރާތް އެކި ގޮތްގޮތުން ކުރިއެރުވުމަށްޓަކައި ވަޤުފުއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރި އެއްޗެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މާލޭ ސަރަޙައްދުގައި ވަޤުފުގެ 4 މަޝްރޫޢުއެއް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތުގެ އިތުރަށް ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތް ހިމެނެއެވެ.
ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ވަޤުފު މަޝްރޫޢުތަކުގެ އިތުރަށް އަތޮޅުތަކުގައިވެސް ވަޤުފުުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެކަމަށެވެ. އަތޮޅު ތެރޭގައި ތަރައްޤީކުރާ ވަޤުފު މަޝްރޫޢުއިން ލިބޭ ނަފާ އެ އަތޮޅަކަށް ނުވަތަ އެ ސިޓީގެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކާ ހަވާލުކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ގިނަ މިސްކިތްތަކެއް ހުރިއިރު އެ މިސްކިތްތަކަށް ޚަރަދުކުރުމަށް ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މިފަދަ މަޝްރޫޢުތަކުން ލިބޭ ފައިދާއިން ޚަރަދުކުރުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒެކެވެ.