ޚަބަރު

ޑޭވިސް ކަޕް 2025: ތަޖިކިސްތާނު ބަލިކޮށް ރާއްޖެ އެއްވަނައަށް


  • ރާއްޖެ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ

ފިރިހެނުންގެ ޓެނިސް ވޯލްޑްކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގައި ރާއްޖެއިން ތަޖިކިސްތާނު ބަލިކޮށް ގުރޫޕްގެ އެއްވަނައަށް އަރައިފިއެވެ.

ބަހްރެއިންގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ކުޅުނު ތިންވަނަ މެޗު ކާމިޔާބުކުރީ 2-1 ން ވަރުގަދަ ތަޖިކިސްތާނު ބަލިކޮށްގެންނެވެ.

ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރި ފުރަތަމަ ސިންގަލްސް މެޗުގައި ރާއްޖޭގެ ދާއޫދު ޝަހީބް ނިކުތީ އިސްކަންދަރް އިސްމޮއިލް އާއި ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ތަޖިކިސްތާނުން ގެންދިޔައީ 7-6، 4-6 އަދި 0-6 ންނެވެ.

ދެވަނަ ސިންގަލްސް މެޗުގައި ރާއްޖެ ޓީމުގެ ކެޕްޓަން އަބްދުالله ފާއިހް ފަޒީލް ނިކުތީ އަޙްމަދުޒްހޯން ކޮސިމީ އާއި ދެކޮޅަށެވެ. ސީދާ ދެ ސެޓުން މި މެޗު ކާމިޔާބު ކުރީ ރާއްޖެއިންނެވެ. މި މެޗުގެ ސެޓުތައް ފާއިހް ކާމިޔާބުކުރީ 6-3 އަދި 6-3 ންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ޑިސައިޑިން ޑަބަލްސް މެޗުގައި ފާއިހް އާއި އަހުމަދު ސާއީ ވަހީދުގެ ޕެއާ ނިކުތީ އިސްމޮއިލް އަދި ކޮސިމީގެ ޕެއާ އާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 1-6، ން ތަޖިކިސްތާނުން ގެންދިޔަ ނަމަވެސް ދެވަނަ އަދި ތިންވަނަ ސެޓު 6-2 އަދި 6-4 ން ކާމިޔާބުކުރީ ރާއްޖެއިންނެވެ.

މިއާއެކު ރާއްޖެ ވަނީ އޭޝިއާ އޯޝޭނިއާ ގުރޫޕް 5 ގެ ޑީގެ އެއްވަނައަށް ދަތުރުކޮށްފައެވެ. މާދަމާ ރާއްޖެ ނިކުންނާނީ ޕްރޮމޯޝަން ޕްލޭ އޮފްގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދާން މެރިއާނާ އައިލެންޑްސް އާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް ގުރޫޕް ހަތަރަކަށް ޕްރޮމޯޓް ވާނެއެވެ.