ވިޔަފާރި

"ބިދޭސީ ނޫސްވެރިން ދާއިމީކޮށް ރާއްޖޭގައި މަސައްކަތެއް ނުކުރެވޭނެ"


ނޫސްވެރިންގެ ގޮތުގައި ބިދޭސީންނަށް ދާއިމީކޮށް ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފިއެވެ. 

ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ބުނީ، އެގޮތަށް އިލްތިމާސްކޮށްފައި ވަނީ ދިވެހި ނޫސްވެރިންނަށް އެދާއިރާގެ ފުރިހަމަ މަންފާއާއި ފުރުޞަތުތައް ހޯދައިދިނުމަށް ކަމަށެވެ. މީގެ އިތުރުން ބިދޭސީ ނޫސްވެރިން ރާއްޖެއާބެހޭ ޚަބަރުތައް ފެތުރުމުގައި ވަކި ފަރާތަކަށް ޖެހިގެން ޚަބަރުތައް ގެނެސްދޭކަން ފާހަގަވަމުންދާކަމަށް ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އެޖަމްޢިއްޔާއިން ބުނީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ. 

ފޮޓޯގްރަފީގެ ވިޔަފާރީގައި ބިދޭސީންނަށް ރާއްޖޭގައި ނޫޅެވޭނެހެން ކަމާބެހޭ ފަރާތްތަކުން އަޅުއްވާފައިވާ ފިޔަވަޅަށް ތާއީދުކޮށް، އެފަދަ ފުރުޞަތުތަކެއް ނޫސްވެރިންނަށްވެސް ފަހިކޮށްދިނުމަކީ މުހިންމު ކަމެއްގެގޮތުގައި އެޖަމްޢިއްޔާއިން ދެކޭ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.