ޚަބަރު

ބޯޓުފަހަރުގެ އިންސްޕެކްޝަންތަކަށް ތަމްރީނުވުމުގެ ސެމިނާ


ރާއްޖެ އަންނަ ބޭރު ޤައުމުތަކުގެ ބޯޓުފަހަރުގެ ޙާލަތު ދެނެގަނެ، އެ ބޯޓުތަކުގައި ކަނޑުގެ ދިރުން ޙިމާޔަތް ކުރުމައްޓައި ހަމަޖެހިފައިވާ ވަޞީލަތްތައް ބަލައި އެފަދަ އިންސްޕެކްޝަންތަކަށް ތަމްރީނުވުމުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ސެމިނާއެއް ރާއްޖޭގައި ފަށައިފިއެވެ.

ޕޯޓް އެކްސްޕަރޓް ޓެރެއިނިންގ އޮން ޕޯޓް ސެޓޭޓް ކޮންޓްރޯލް އިންސްޕެކްޝަންސްގެ ނަމުގައި މިއަދު ފެށި މި ސެމިނާއަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިންތިޒާމް ކުރައްވައިގެން އިންޑިއަން އޯޝަން މެރިޓައިމް އޯގަނައިޒޭޝަނާއި ގުޅިވަޑައިގެން ކުރިއަށްގެންދަވާ ސެމިނާއެކެވެ.

ރާއްޖޭގެ އިތުރުން، މޮރިޝަސް، އޮމާން، އަދި އިންޑިއާއިން މިސެމިނާގައި ބައިވެރިވެއެވެ. ރާއްޖެ ބައިވެރިވެފައިވާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އައި.އެމް.އޯގެ މުޢާހަދާތަކުގެ ތެރެއިން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ މުއާހަދާއާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ މުޢާހަދާގެ އިތުރުން، މެރިޓައިމް ލޭބަރ ކޮންވެންޝަން އަދި ފަޅުވެރިންގެ ތަމްރީނާއި، އެމީހުންގެ ކެޕޭސިޓީ އަންގައިދިނުމަށްޓަކައި ހަދާފައިވާ ކޮންވެންޝަންއާއި ގުޅޭގޮތުން މި ސެމިނާގެ ބައިވެރިންނަށް ތަމްރީން ދެއްވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރީޓީން ވިދާޅުވެއެވެ.

އަދި، ރާއްޖެ އަންނަ ބޯޓުފަހަރުގެ ކެޕްޓަނުންގެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު ދެނެގަނެ، ކަނޑުގެ ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ރާއްޖެ އަންނަ ބޯޓުފަހަރުގައި ހަމަޖައްސާފައިވާ ވަޞީލަތްތައް ހުރި މިންވަރު ދެނެގަތުމަށް މި ސެމިނާގައި ތަމްރީނު ދެއްވާނެއެވެ.

ޓްރާންސްޕޯޓް އޮތޯރީޓީގެ ޑެޕިއުޓީ ޑިރެކްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ، މިއީ ރާއްޖެއަށް ވަރަށް މުހިންމު ސެމިނާއެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގައި ހިނގާފާނެ ފަރަށް އެރުން ފަދަ ހާދިސާތަކާއި، އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.