ޚަބަރު

ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ބިލު ފާސްކޮށްފި


  • ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ ޖޫރިމަނާ ކުރާނެ

  • ގަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރު ކޮށްފިނަމަ ޖޫރިމަނާ ކުރާނެ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސްކޮށްފިއެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާނެވެ. މިއީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި، ކާނާއާއި ބޭސް އެތެރެ ކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެއެވެ.

ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި، ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކުރައްވާފައެވެ.

މި ބިލުގައި ޖަނަވާރުތަކާއި މެދު އިޙުމާލުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ.

ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ. މިއީ، މިހާރުވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން އޮޅު ކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތައް، ޚާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާ ކަމުގެ ޝަކުވާ ގިނައެވެ.

މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޖަނަވާރު ގެންގުޅުމާއި، ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ބަޔާން ކުރެއެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ.