ޚަބަރު

ހަށިވިއްކުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކާއި 3 ބިދޭސީއަކު ހައްޔަރުކޮށްފި


  • މި 4 މީހުން ހައްޔަރުކުރީ، މިމަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި

  • ހައްޔަރުކުރީ، ތައިލެންޑުގެ ތިން އަންހެނުންނާއި ދިވެހި ފިރިހެނެއް

ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގާ ސެލޫނެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ، ތައިލެންޑުގެ ތިން އަންހެނުންނާއި، ދިވެހި ފިރިހެނެކެވެ. އެއީ، ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ) ފަސް ދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިން ދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.