ޚަބަރު

ހިންމަފުށި އަމާން ތަނަކަށް ހެދުމަށް ކެމެރާ ހަރުކުރަނީ


ހިންމަފުއްޓަކީ ކުށް ކުރުން މަދު، ކުށުގެ ވެށިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، އެ ރަށު ކައުންސިލުން މިހާރު ގެންދަވަނީ، އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ބަހައްޓަވާ, ކަމާބެހޭ އިދާރާތަކަށް ރަށުތެރެ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން، އެ ރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި، އަދި ރަށުގެ މުހިއްމު ތަންތަން ފެންނަ ގޮތަށް ރަށުތެރޭގައި ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށް ހިންމަފުށި ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ފަސްސަތޭކަ ހާހެއްހާ ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިޔަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން މިހާރު ރަށުގެ އެކި ސަރަޙައްދުގައި ޖުމްލަ 54 ކެމެރާ ހަރުކުރައްވާފައިވާ ކަމަށް ހިންމަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. ހިންމަފުށީ ކައުންސިލުގެ ނާއިބު ރައީސް އަޙުމަދު ސިރާޖު ވިދާޅުވީ، މީގެ ކުރިން އެ ރަށު ބަނދަރު ސަރަހައްދުގައި ވައްކަމުގެ ހާދިސާތަކެއް ހިނގާފައި އޮތުމާއެކު މި ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ބަނދަރު ސަރަޙައްދު ބެލެހެއްޓެވުމުގައި ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި، މި ކެމެރާތައް މޮނީޓަރކޮށް ރެކޯޑްކުރެވޭނެ އިންތިޒާމް ކައުންސިލް އިދާރާއާއި ފުލުހުންގެ މަރުކަޒުގައި ޤާއިމް ކުރެވުމާއިއެކު، ރަށުތެރޭގައި ޕެޓްރޯލްކޮށް ބެލެހެއްޓުމުގައި ފުލުހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް ބަނދަރު... ކެމެރާތައް މި ހަރުކުރީ މިދޭތެރޭންވެސް ބަނދަރުގައި އޮތް ބޮއްކުރައެއް ހަމަ ބޭރުންއައި ދޯންޏެއް އައިސް ބޮއްކުރާ ރޭގަނޑު ހިފައިގެން ދިޔައީ... ގޮސް އޭގެ އިންޖީނާ އެއްޗެހިވެސް ނަގާފައި އޮތީ... ދެން އެހެން މަދުމަދުން އެކަހަލަ އެކަހަލަ ކަންތައްތައް ދިމާވޭ.. ދެން ބޮޑަށް އަޅުގަނޑުމެން ޕޮލިހުންނަށް އޭގެ އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެން އެވާގޮތަކީ ޕޮލިސް ސްޓޭޝަނުގައި ތިބެނީ ވަރަށް މަދު މީހުންކޮޅެއް.. ހުރިހާ ރަށަކަށްވެސް ގިނައިން ޕޮލިހުންނެއް ނުތިބެވޭ.. މިރަށުގައިވެސް ތިބެނީ ހައެއްކަ މީހުން މިތިއްބަވަނީ.. އެހެންވީމާ އެބޭފުޅުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިކަން މި އިންތިޒާމްކުރީ.." ކައުންސިލުގެ ނައިބްރައީސް އަޙުމަދު ސިރާޖު ވިދާޅުވިއެވެ.

ހިންމަފުށީގެ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ ކެމެރާ ސިސްޓަމެއް ހުރުމަކީ ކުށްކުރުން ހުއްޓުވުމާ، އަމާން ވެއްޓެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

"ކޮންމެހެނެއްވިޔަސް ޕްރިވެންޝަން އެއީ ޕޮލިސް ސާވިސްއިން ވަރަށް ބޮޑަށް ފޯކަސްކުރާ އެއްކަންތައް އެއީ.. ޕްރޮވެންޝަންއަށް ބަލާއިރު މިހާރު ކެމެރާ ސިސްޓަމަކީ އެންމެ ވަރުގަދަ އެއް މެކޭނިޒަމް ހަޤީޤަތުގައި.. އެއީ ބައެއްގެ މޫވްމެންޓްތައް ބެލޭކަން އެބަޔަކަށް އެނގެންޏާމުން، އެކަންކުރަން ޖެހިލުންވާނެ... އެހެންވީމާ އޭގެ ސަބަބުން ހަމަ ވަރަށް ރަނގަޅު، އެދެވޭ ނަޠީޖާއެއް ނުކުމެގެންދާނެ." ޕޮލިސް ކ.އަތޮޅު ކޮމާންޑަރ ސަބް-އިންސްޕެކްޓަރ ޔޫސުފް ބުޝޮރީ ވިދާޅުވިއެވެ.

ހިންމަފުށީގައި ކުށް ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކި ސަރަޙައްދުތަކުގައި ކެމެރާ ސިސްޓަމްތަކެއް ޤާއިމްކޮށް، މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ރަށު ކައުންސިލުން ދަނީ އެ ރަށުގައި ހުރި ފުލުހުންގެ މަރުކަޒަށް ގެންނަންޖެހޭ ބައެއް ޢުމްރާނީ ބަދަލުތައް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.