ސަރުކާރުގެ ފަރާތުން އަންނައަހަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމިއެވެ. އަދި ވަޒީރާ ސުވާލުކުރެއްވުމަށް 45 މިނެޓާއި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދޭން ފާސްކުރިއެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިހާރު ދަނީ ކުރަމުންނެވެ.
ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި 60 މެންބަރުން ވާހަކަދެއްކެވިއެވެ. ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށާއި މި ބަޖެޓާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ބަޖެޓުގައި ހުރި ބައެއް ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މެންބަރުން ފާޅުކުރެއްވި ޚިޔާލުތަށް ބަޖެޓް ދިރާސާކުރާ ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅުއްވާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ފާސްކުރާނީ ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ރިޕޯޓް ތަޅުމަށް ހުށަހަޅައި، އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު އިސްލާހުތައް ގެންނަންޖެހޭނަމަ އެ އިސްލާހުތަކާއެކުގައެވެ. މާދަމާ ކޮމިޓީގެ މަސައްކަތް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.