ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ، މީގެ 53 އަހަރު ކުރިންނެވެ. ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެވެ. ރާއްޖެއަށް އާމްދަނީ ވަންނަ އެންމެ ބޮޑު އެއް ސިނާޢަތަކީ، ފަތުރުވެރިކަމެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ރާއްޖޭގެ އާބާދީގެ އެންމެންނާއި ގުޅި ލާމެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ޤަރުނު ވެފައިވާއިރު، އަދިވެސް ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ބައެއް ސަރަހައްދުތައް އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރުގެ ޖޫން މަހު ނިންމަވާފައިވަނީ، ފަތުރުވެރިކަން ތަރައްޤީވެފައިނުވާ ހއ، ހދ، ށ، ކ، ލ އަދި އައްޑޫ ސިޓީ ފަދަ އަތޮޅުތަކުގައި ރިސޯޓު ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށެވެ.
'ހަލާލް ޓުއަރިޒަމް' ކޮންސެޕްޓަށް ތަރައްޤީކުރާ ރިސޯޓުތަކަށް އިތުރު ލުއިތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާވެ، އެއިން ލިބޭ ފައިދާ އެންމެނަށް ހަމަހަމައަށް ލިބި، މި ސިނާޢަތް އިތުރަށް ސިންދަފާތުވެ، ވިލުންތެރިކަން ބޮޑުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަލާލް ފަތުރުވެރިކަމަށް 5 ރަށެއް ހުޅުވާލިއިރު، ސަރުކާރުން މި ރަށްތައް ހުޅުވާލާފައިވަނީ އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ދީ އިންވެސްޓްމަންޓަށް ފަހިވާ ގޮތަށެވެ.
ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ފާއިތުވި އަހަރުވަނީ، ބައިނަލްއަޤްވާމީ އެކި ފަރާތްތަކާއެކު ގުޅުންތައް ބަދަހިކޮށްފައެވެ.
މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅިން އަލަށް 122 ތަނެއް ރަޖިސްޓްރީކޮށްފައިވެއެވެ. މީގެތެރޭގައި 2 ރިސޯޓާއި، ޓޫރިސްޓް ހޮޓަލަކާއި، 87 ގެސްޓްހައުސްއާއި، 20 ހޯމް ސްޓޭ ޓޫރިސްޓް ގެސްޓްހައުސް އަދި 12 ޓޫރިސްޓް އުޅަނދު ހިމެނެއެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 2558 އަށް އަރައެވެ.
މިއާއިއެކު މިވަގުތު ރާއްޖޭގައި މުޅި ޖުމްލަ 172 ރިސޯޓާއި، 16 ޓޫރިސްޓް ހޮޓަލާއި، 851 ޓޫރިސްޓް ގެސްޓްހައުސްއާއި، 366 ހޯމް ސްޓޭ ޓޫރިސްޓް ގެސްޓްހައުސްއާއި، 163 ޓޫރިސްޓް އުޅަނދުގެ އިތުރުން 3 ޔޮޓް މެރީނާ ދަނީ ހިންގަމުންނެވެ. މިއީ، މުޅި ޖުމްލަ 65،439 އެނދެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ޤަރުނަށްވުރެ ގިނަ އަހަރުވީއިރު، ރާއްޖެއަށް މިދިޔަ އަހަރު މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގައި ލިބުނު ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބީއެކެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ، ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމަކީ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ އަނެއް ކުރިއެރުމަކީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމެވެ. މި ޓާމިނަލަކީ، އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެކެވެ.
ޝަންގްރިއްލާ ބަންދުކޮށްފައިވަނީ، މީގެ 5 އަހަރު ކުރިން 2020 ވަނަ އަހަރުގެ މާރޗު މަހުއެވެ. އޭރު ރިސޯޓު ބަންދުކުރީ، ކޯވިޑާ ގުޅިގެންނެވެ. ޝަންގްރިއްލާ ނުހުޅުވި އޮތުމަކީ، އައްޑޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މި ރިސޯޓް ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރައްވަމުންނެވެ. މިތަނުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު، އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ސިނާޢަތުގެ މަތީ ފަންތީގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުކަމެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ، މި ދާއިރާއިން ބޭނުންވާ ތަމްރީންތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖޭގައި 5 ތަރީގެ ރިސޯޓެއް ތަރައްޤީކޮށް ހޮޓެލް ސްކޫލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ލ.މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި އެރިސޯޓު ތަރައްޤީ ކުރުމަށް ޤައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ، މި ސިނާޢަތުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުސްތަޤްބަލު ފެންނަނީ އުޖާލާކޮށެވެ.