ޚަބަރު

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރަނީ


  • މިތަން ތަރައްޤީކުރެވޭނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު

  • 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަނީ

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ އިސްރަށްވެހިންގެ ނާދީއަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ޤާއިކުރުމަށްޓަކައި ތަރައްޤިކުރާ ތަނެކެވެ.

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އުމަރު ޒާހިރު ބިލްޑިންގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލީ ޒުހައިރެވެ. އަދި އިޖުތިމާޢީ އަދި ޢަޢިލީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް ޢަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެ 24 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމަށެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ މި ނާދީވެސް ތަރައްޤީކުރާނީ، އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގއާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭ ގޮތަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށާފައެވެ.