ޚަބަރު

އަމާޒު، އިދާރީ ދާއިރާތަކަށް ރަށްވެހި ތަރައްޤީއާއި ތަޙުޒީބު ހޯދާދިނުމަށް


  • ޑިސެމްބަރ މަހުގެ ތެރޭގައި ކޮސްޓުގާރޑް ބިލްޑިންގއަށް ވަދެ މަސައްކަތް ކުރަން ފެށޭނެ

  • އެ ވުޒާރާއިން ހޯދި ކާމިޔާބީތައް ހިމަނާ ދުވެލި 2025 ނަމުގައި ފޮތެއް ނެރެދެއްވި

އަމާޒަކީ، އިދާރީ ދާއިރާތަކަށް ރައްޔިތުންގެ ބައިވެރިވުމާއި ރަށްވެހި ތަރައްޤީއާއި ތަޙުޒީބު ހޯދާދިނުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރަށާއި އެ ވުޒާރާއަށް 2 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ފާއިތުވި 2 އަހަރަކީ ގޮންޖެހުންތަކާއެކުވެސް މުހިންމު ގިނަ ކާމިޔާބީތަކެއް ޙާސިލްވި 2 އަހަރު ކަމަށެވެ. އެގޮތުން އެވުޒާރާއިން ކުރި މަސައްކަތުން އެ ވުޒާރާގެ ބައެއް މަސައްކަތްތަކަކީ، މިހާރު އެހެން ވުޒާރާތަކުން އެކަމުން ނަމޫނާ ނަގައިގެން ކުރަމުން އަންނަ މަސައްކަތް ކަން ފާހަގަކުރެއްވިއެވެ.

"މިކަމުގައި ހިތްހަމަޖެހުމަކީ އެ ވުޒާރާއިން ތައްޔާރުކުރި މޮޑެލްއަށް މި ސަރުކާރަށްވެސް ޤަބޫލުކުރެވި އޭގެ ނަތީޖާއެއްގެ ގޮތުން މި ފަހުގެ ތާރީޚެއްގައި 217 ކޮންޓްރެކްޓިންގ ފައިނޭސްއިން ޕްރޮޖެކްޓް އެކި ވުޒާރާތަކުން މޮޑެލްއަށް ފެށިގެން ދިޔުމަކީ، ލިބިގެންދިޔަ ވަރަށް ކާމިޔާބީއަކަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އުފާވެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފެށި ހެޕިނެސް އިންޑެކްސްގެ ފުރަތަމަ މަރުހަލާ ނިމި، އޭގެ ދެލިކޮޕީ އެކުލަވާލައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެވުޒާރައަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ތިބޭނެ ތަނެއް ނެތުން ކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަން ޙައްލު ކުރުމުގެ ގޮތުން ރައީސްގެ އިރުޝާދާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މުވައްޒަފުންނަށް ރަނގަޅު މާޙަލެއް ޤާއިމްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ޑިސެމްބަރ މަހުގެ ތެރޭގައި ކޮސްޓުގާރޑް ބިލްޑިންއަށް ވަދެ މަސައްކަތް ކުރަން ފެށޭނެ ކަމަށް އުންމީދުކުރެވޭ ކަަމަށްވެސް ވިދާޅުވިއެވެ.

އަދި ވަޒީރުގެ ވާހަކައިގައި އެ ވުޒާރާގެ ތަޞައްވުރާއި، އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ އަމާޒަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިދާރީ ދާއިރާތަކަށް ރައްޔިތުންގެ ބައިވެރިވުމާއި ރަށްވެހި ތަރައްޤީއާއި، ތަޙުޒީބު ހޯދައި ދިނުމަކީ އަމާޒެެއް ކަަމަށް ވަޒީރު ވިދާޅުވިއެވެ.

"ވުޒާރާގެ ތަސައްވުރަކީ، އިދާރީ ދާއިރާތައް ބާރުވެރިވެ ރަށްތައް ތަރައްޤީވެ ރައްޔިތުން ތަޙުޒީވުބެގެން ދިޔުން. ވުޒާރާގެ އަމާޒަކީ، ރައްޔިތުންގެ ބައިވެރިވުމާއި ރަށްވެހި ތަރައްޤީއާއި، ތަޙުޒީބު އިދާރީ ދާއިރާތަކަށް ހޯދާދިނުން. މަސައްކަތް ކުރާއިރު ހިފަހައްޓައި ވެލިއުސްތަކަކީ، ނަޒާހަތްތެރިކަން ހާމަކަން ޖަވާބުދާރީވުން، ހަމަހަމަކަން އަޑުއެހުން އަދި އިޚްތިރާމް" ވަޒީރު ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ފައިދާކުރަވިނި ގޮތުގައި މުޢާމަލާތް ކުރުމަކީ ވުޒާރާއަކަށް އަދި އެ މީހަކަށްވެސް ވަރަށް މުހިންމު ހުނަރެއް ކަމަށެވެ. އަދި އެކަމަކީ، ކުރިއަށް ދިޔުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރާއި އެ ވުޒާރާއަށް ދެ އަހަރު ފާހަގަކުރުމުގެ ގޮތުން ކޭކެއް ފެޅުން އޮތެވެ. އަދި އެ ވުޒާރާއިން ހޯދި ކާމިޔާބީތައް ހިމަނާ ދުވެލި 2025 ނަމުގައި ފޮތެއް ނެރެ ދެއްވިއެވެ. މި ފޮތް ނެރެދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.