ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާއިލާތަކަށް ޚާއްސަކޮށް 350 ފެލެޓް ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން، ވަކިވަކި ސިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށް ފްލެޓް ދޫކުރާ ފުރަތަމަ ފަހަރެވެ.
އުމުރުން 18 އަހަރު ފުރި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މީގެތެރޭގައި ވަކި ބަޔަކު އިސްތިސްނާ ނުވެއެވެ. ނަމަވެސް މީގެ ކުރީގެ މަޝްރޫޢުތަކުގައި މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތުތަކުގައި އެންމެ ބޮޑު ޝަކުވާއެއް އޮތް އެއް ބަޔަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނެވެ.
އާއިލާ މާލޭގައި ދިރިއުޅުނުނަމަވެސް، ފަތުވެރިކަމާއި މަސްވެރިކަން ފަދަ ސިނާޢަތްތަކުގެ ވަޒީފާގެ ބޭނުމަށް ރަށުން ބޭރުގައި އުޅޭނަމަ، މާލޭގައި ދާއިމީކޮށް ދިރިއުޅޭކަން ސާބިތުކޮށްދިނުމުގައި އެތަށް ހުރަހެއް ކުރިމަތިވެއެވެ. އަދި ޚާއްސަކޮށް ބޯހިޔާވަހިކަން ފަދަ އަސާސީ މުހިންމު ސްކީމްތަކުން ފުރުޞަތު ހޯދުން އޮތީ ހުރަހަކަށްވެފައެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދަކަށްވީ، މާލޭގައި ދިރުއުޅޭ އެހެން އާއިލާތަކޭ އެއްގޮތަށް، މަސްވެރިންނާއި ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އާއިލާތަކަށްވެސް އެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމެވެ
މީގެދަށުން ފުރަތަމަ ފަހަރަށް، ސިނާޢަތްތަކަށް ޚާއްސަކޮށް ފްލެޓް ދިނުމަށް ސަރުކާރުގެ ސްކީމެއްގައި މިވަނީ ހިމަނާފައެވެ. މީގެތެރޭގައި ދަފްތަރު ކޮށްފަވާ ޓެކްސީ ޑްރައިވަރުންގެ ކެޓަގަރީވެސް ހިމެނެއެވެ. 3 ދާއިރާ ހިމެނޭހެން ޖުމްލަ 350 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
• މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން – 200 ފްލެޓް
• މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފްލެޓް
• މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފެލެޓް
މި ދާއިރާތަކާއި ސިނާޢަތްތަކަށް މިފަދަ ފުރުޞަތުތައް ފަހިކުރުމަށް ބައެއް މުހިންމު ޢުސޫލުތައް ސަރުކާރުން މީގެކުރިންވެސް ކަނޑައަޅަފަވެއެވެ.
އެގޮތުން ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލީ 16 ފެބްރުއަރީ 2024ގައެވެ. މި ދަފްތަރުތަކަކީ އާމްދަނީ ހޯދުމަށް ދާއިމީކޮށް މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަ ދަފްތަރެކެވެ.
ސަރުކާރުން ހާމަކުރައްވާގޮތުގައި ދަފްތަރު އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ފަސޭހަކަމާއެކު މާލީ އެހީތެރިކަން ހޯދުމަށް ހުށައެޅުމަށް ލުއިފަސޭހަކުރުމާއި އެކި ކަންކަމުގައި ލިޔެކިޔުން ހުށައަޅަންޖެހޭ ޙާލަތްތަކުގައި އެ ފަރާތްތަކުން އާމްދަނީ ހޯދުމާ ކުރާ މަސައްކަތާ ގުޅޭ ތަފްސީލްތައް ޙިއްސާކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.