ޚަބަރު

ހަފުތާ 104: ޒުވާނުން ބާރުވެރިކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރި


  • ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައި

  • ޒުވާނުން ބާރުވެރި ކުރުވުމުގެ ގިނަ ސިޔާސަތުތައް ގުޅިފައި އޮތީ، ކުޅިވަރާ

ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މުޖުތަމަޢުގައި ޒުވާނުންނަށް ބައިވެރިވެވޭނެ ދާއިރާތަކާއި އަދި އެކި ދާއިރާތަކުގައި ޒުވާނުންނަށް ހުރި ފުރުޞަތުތައް ތަފާތު އެކި ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން ޒުވާނުންނާ ހަމައަށް އަންނަނީ ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން މިނިމުނު ދެ އަހަރަކީ، ޒުވާނުންނަށް އިސްކަންދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި 2 އަހަރެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ވުޒާރާތައް އުފެދިގެން އައިސް، އެކި ދާއިރާތަކަށް ޚާއްސަ ކޮށްގެން ވުޒާރާތައް އުފައްދާފައިވެއެވެ. މިހާތަނަށް އައިއިރު، އެކި ވެރިކަންތަކުގައި ވުޒާރާތަކުގެ ނަން ބަދަލުވެ ހަވާލުވެފައިވާ މަސައްކަތްތައްވެސް ބަދަލުވެފައިވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމާއި، ހަމައަށްވެސް އެއް ގޮތަކަށް ހިންގަމުން އައި އެއް ވުޒާރާއަކީ، ޒުވާނުންގެ ވުޒާރާއެވެ. ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ ސިޔާސަތުތައް ގުޅިފައި އޮތީ، ކުޅިވަރާއެވެ.

ނަމަވެސް ކުޅިވަރާއި، ޒުވާނުން ބާރުވެރިކުރުވުމާއި މިއީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ވިދާޅުވެ މި ދެ ދާއިރާ ވަކިކޮށް، މުޅިން އަލަށް ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގެ ސިޔާސަތުތައް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަކި ވުޒާރާއެއް އުފެއްދެވިއެވެ. އަލަށް އުފެދިގެން އައި މި ވުޒާރާގެ ތަޞައްވުރަކީ، ދިވެހި ޒުވާނުންނަކީ ހީވާގި، އުފެއްދުންތެރި އަދި ޒަމާނަށް އަހުލުވެރި ބަޔަކަށް ހަދައި، ޤައުމު ކުރިއެރުވުމުގައި އެމީހުންގެ ދައުރު ފުޅާކުރުމެވެ. ވުޒާރާގެ މި ތަޞައްވުރާއެކު ޤައުމުގެ ކުރިމަގަށްޓަކައި މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރު ކުރުމެވެ. މިކަން ޙާސިލްކުރުމަށްޓަކައި އެވުޒާރާއިން ކުރައްވަމުން އެންމެ މުހިންމު އެއް މަސައްކަތަކީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކޮށް، އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށާއި، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީ މިޕްރޮގްރާމުގެ މަޤުސަދެކެވެ.

އެގޮތުން މިހާތަނަށް ތަފާތު އެކި ދާއިރާތަކުން 62 ޒުވާނަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 19 އަންހެން ކުދިންނާއި، 43 ފިރިހެން ކުދިންނެއެވެ. މި ކުދިންނަކީ، މެރިއޮޓް މޯލްޑިވްސްއާއި، އެޗްޑީސީ އާއި އެފްއެސްއެމްއިން ބޭއްވި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކުދިންނެވެ. އަދި 112 ކުދިން މިހާރުވެސް ދަނީ، މެރިއޮޓް މޯލްޑިވްސްއާއި އެޗްޑީސީން ކުރިއަށްގެންދާ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

މީގެއިތުރުން މީޑިއާގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އެ ވުޒާރާއިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެއެވެ. އެގޮތުން ޕަބްލިކް ސަރވިސް މީޑިއާއި ގުޅިގެން ފަށާފައިވާ ބީމް ޓްރެއިނިންގ އިނިޝިއޭޓިވްގެ ދަށުން ޒުވާނުން ތަމްރީން ކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މި ފަހުމުނާމާއާއެކު ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމަށް އެހީތެރިވެދޭނެއެވެ. އަދި މީޑިއާއާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. މި ފަހުމުނާމާއަކީ، ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުނގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ. ދިވެހި ޒުވާނުންގެ

ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފެށުމަކީވެސް މި އަހަރު އެވުޒާރާއިން ކުރި މުހިންމު މަސައްކަތެކެވެ. އެގޮތުން ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކުރުމަށް އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓް ފޯމް، "ނޭޝަނަލް ނިއުސް އެޖެންސީ"ގެ ނަމުގައި އިފްތިތާޙުކޮށްފައިވާއިރު، މި މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް ވަނީ އެކުލަވާލައިފައެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި، ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި، މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުޞޫލެކެވެ.

މި އުޞޫލާއެކު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރާ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަންވަނީ ކަނޑައަޅާފައެވެ.

ޖުމްލަ ގޮތެއްގައި ފާއިތުވި 2 އަހަރަކީ، ޒުވާނުން ބާރުވެރި ކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް
ކުރި 2 އަހަރުއެވެ.