ޚަބަރު

އެޗްޑީސީ މުވައްޒަފުންގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި


  • މިހާރު ހަވާލުކުރަނީ، ޓަވަރު A އަދި ޓަވަރު Bގެ އެޕާރޓްމަންޓްތައް

  • މި ދެ ޓަވަރުގައި ހިމެނެނީ، 153 އެޕާރޓްމަންޓް

އެޗްޑީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްޤީކުރި "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭގެ ރީތިގަސް މަގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި، ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މިރޭ ހަވާލުކުރަން ފެށީ މިހާތަނަށް ނިމުނު ޓަވަރު A އަދި ޓަވަރު B ގައި ތަރައްޤީކޮށްފައިވާ 153 އެޕާރޓްމަންޓް ކަމަށެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ.

މީގެތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ޤާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި، ސެކިއުރިޓީ ރޫމުގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނެއެވެ. މީގެއިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި، 782 ސައިކަލް ޕާކިންގ ސްލޮޓްވެސް މިއިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކަނޑައަޅާފައިވާ ކަަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތަށްފަހު މިތަނުން ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ވަނީ، އެ ފަރާތްތަކުގެ ޝުއޫރު ޙިއްސާކޮށްފައެވެ. މިކަމަކީ، ވަރަށް ގިނަ ދުވަހުގެ އިންތިޒާރުގެ ނިމުންކަމާއި، މިއީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި އެމީހުން ފާހަގަކުރިއެވެ.


އެޗް.ޑީ.ސީގެ މުވައްޒަފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރާއި، ކުންފުނީގެ ބޯޑު މެންބަރުންނާއި، އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް މުވައްޒަފުންނަށް ޚާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި މިމަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާރޓްމަންޓް ތަރައްޤީކޮށްފައިވެއެވެ.