ރިޕޯޓް

ރަށުފެންވަރުގައި ކުނި މެނޭޖްކުރުމުގައި ރ.ފައިނުން ދައްކާ ނަމޫނާ


ރާއްޖޭގެ ރަށްތަކުގެ ތެރެއިން ރ.ފައިނަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ރަށެކެވެ. އަދި ރާއްޖޭގައި ކުނީގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ ދަށުން ޒަމާނީ ކުނިކޮށްޓެއް މިރަށުގައި ޤާއިމު ކުރުމަށްޓަކައި މި މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރާ ޙަވާލުކުރައްވާފައެވެ.

ރ.ފައިނަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މިންވަރަކަށް ރަށުފެންވަރުގައި ކުނި މެނޭޖް ކުރަމުންދާ ރަށެކެވެ. މިރަށުގައި ޒަމާނީ ކުނިކޮށްޓެއް ޤާއިމު ކުރެވިފައިނުވިނަމަވެސް 2011 ވަނަ އަހަރު މިރަށުގައިވެސް ވަނީ ރަށު ފެންވަރުގައި ބޭނުން ކުރެވޭނެ ފަދަ ކުނިކޮށްޓެއް ޤާއިމް ކުރައްވާފައެވެ. މި ކުނިކޮށްޓަކީ 2011 ވަނަ އަހަރު ރަށު ކައުންސިލްގެ ބަޖެޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އަޅާފައިވާ ކުނިކޮށްޓެއް ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. ފައިނުގެ ކުނިމެނޭޖު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ގޭބިސީތަކުން އުކާލެވޭ ކުނި ވަކިކުރެވޭނެ އިންތިޒާމު އެ ރަށު ކުނީގައި ޤާއިމްކުރެވިފައިވާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޞިރު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14725321491291.jpg|ރ.ފައިނު ކުނިކޮށި - ފޮޓޯ: ޕީއެސްއެމް ނިއުސް

"ދޭތެރެއަކުން މެދުކެނޑިގެންދިޔަ އަޅުގަނޑުމެންނަށް ބައެއްކަހަލަ ދަތިތައް މެދުވެރިވުމުގެ ސަބަބުން. އެއީ ބޭނުންވާ ހުރިހާ މެޝިނަރީޒްތައް ނެތުމުގެ ސަބަބުން. އަޅުގަނޑުމެންގެ ކައުންސިލަށް ބޭނުންވާ ހިނދެއްގައި ޕިކަޕަކަށްވެސް ހަމައެކަނި އޮންނަނީ އެންމެ ޕިކަޕެއް ކަމަށް ވާތީ އެކަން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. އެހެން ނަމަވެސް ޖުމުލަގޮތެއްގައި ކައުންސިލުން ގެންދަނީ ރައްޔިތުންގެ ގޭގޭގައި އުފެދޭ ކުނި ކައުންސިލުގެ ޕިކަޕެއް ހަފްތާއަކު 2 ދުވަހު ގޭގޭ ދޮށަށް ގެންގޮސްގެން އެކުނި ނަގައިގެން ކުނިކޮށްޓަށް ޖަމާކޮށް، އެތަނުގައި ކުނި ނައްތާލުމުގެ ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރަމުން" ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވިއެވެ.

ފައިނުގެ ގޭބިސީތަކުން އުފެދޭ ކުނި ކައުންސިލުން އުކަމުންދަނީ ކޮންމެ ގެއަކުން 50 ރުފިޔާގެ އަގެއް ނެގުމަށްފަހުއެވެ. އަދި އެރަށު ކައުންސިލުން ދަނީ ކުނި އުކާދިނުމުގެ ޚިދުމަތްވެސް މިއަށްވުރެ ލުއި ފަސޭހަކޮށް ކުރިއަށްގެންދަވަން މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

"އާބާދީ ކުޑަރަށެއް ކަމުން 60 އެއްހާ ގެއިން ނެގޭ 50 ރުފިޔާއިން އެއްޗަކަށް ވާނެކަމަށް ނުބެލެވޭ އެހެންނަމަވެސް އަޅުގަނޑުމެން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކާއި ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭތޯ މިބަލަނީ" ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވިއެވެ.

މި ރަށަށް ޒަމާނީ ކުނިކޮށްޓެއް ލިބުމުން، މިރަށުގައި އުފެދޭ ކުނި ބޭނުން ކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ ކާދު ހެއްދޭނެ ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް ނާޞިރު ފާހަގަކުރެއްވިއެވެ. މިރަށުގައި ޒަމާނީ ކުނިކޮށްޓެއް ޤާއިމްކޮށްދެއްވުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ މި މަސައްކަތް ކޮންޓްރެކްޓަރަކާއި ޙަވާލުކުރައްވާފައެވެ. އެހެންކަމުން މިފަދަ ކުނިކޮށްޓެއް ޤާއިމުކުރެއްވުމުން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މިރަށުގައި ކުނިމެނޭޖް ކުރެވިގެންދާނެކަން ފާހަގަކޮށްލެއްވެއެވެ.