ޓުއަރިޒަމް

ގްރީން ޓެކްސްއަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި


އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެންގެވުމަށް ހަމަޖެހިފައިވާތީ، ގެސްޓްހައުސްތައް ހިންގާ ފަރާތްތައް އެކަމަށް އަހުލުވެރިކުރުމުގެ މަސަކަތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ފަށްޓަވައިފިއެވެ.

މިމަސައްކަތުގެ ދަށުން މީރާއިން ދަނީ ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ރަށްތަކަށް މީރާގެ ޓީމްތައް ޒިޔާރަތްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމާގުޅޭ މައުލޫމާތު ދެއްވުމުގެ ޚާއްޞަ ސެމިނަރތަކެއް މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް މީރާއިން ވަނީ ނިންމަވާފައެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވިގޮތުގައި ގްރީން ޓެކްސާގުޅޭ ސެމިނަރތައް ބޭއްވެވުމަށް ހަމަޖެހިފައިވަނީ ޝީ ބިލްޑިންގައި ކަމަށާއި ސެމިނަރގައި ގްރީން ޓެކްސްއާ ގުޅޭގޮތުން ގެސްޓްހައުސްތަކަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތުދެއްވާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14722928272280.jpg|ގެސްޓްހައުސްއެއް / އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތަކުން ގްރީންޓެކްސް ނަގަން ފަށާނެ

މި ސެމިނަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މީރާގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ 1415 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށް މީރާއިން ބުނެއެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ޓޫރިސްޓް ގެސްޓްހައުސްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަންޖެހެއެވެ. އަދި ގްރީން ޓެކްސް ޤަވާއިދުގައިވާ ގޮތުގެ މަތީން މީރާއަށް އެ ޓެކްސް ދައްކަންޖެހެއެވެ.  

ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް، ހަރުދަނާކުރުމަށް ނަގަންފަށާ ޓެކުހެކެވެ.