ސައޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ޓޭބަލް ޓެނިސް ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޓީޓީ ޓީމު މިއަދު ހެނދުނު ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަގިމާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމުން ކުރި ހިތްވަރު ފާހަގަކުރައްވައި، ކުޅިވަރު ވަޒީރު ވަނީ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިތުރު ކާމިޔާބީ ހޯދުމަށް ކުޅުންތެރިން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާޠިމަތު ދީމާ ޢަލީ އާއި ރަފާ ނާޒިމްގެ ޕެއަރއިން ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ކުއަޓަރ ފައިނަލާހަމަށް ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި މުޙައްމަދު ޝައްފާންގެ ޕެއަރ ވަނީ ދަތުރުކޮށްފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމުން ވަނީ ތަފާތު ސްޓައިލުގެ ކުޅުންތެރިންނާއި ވާދަކޮށް ކުރިޔަށް ހުރި މުބާރާތްތަކަށް ގިނަ ކަންތައްތަކެއް ދަސްކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ މުންސިފް، ޝައްފާން، ދީމާ، ރަފާ އަދި އާއިޝަތު އަލްސާ ނާފިޒެވެ.