"މޯލްޑިވްސް ޓެކްސް ފޯރަމް"ގެ ނަމުގައި ޓެކްނިކަލް ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމް ބާއްވަނީ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގުޅިގެންނެވެ. "ޝޭޕިންގ އަ ސްމާޓަރ ޓެކްސް ފިއުޗަރ ޓުގެދަރ" މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމަކީ، ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ.
މި ފޯރަމް ކުރިއަށް ދާނީ، މާދަމާ ހެނދުނު 8:30 އިން ހަވީރު 4:30 އަށް، މީރުމާ އިވެންޓްސް ކޮންފަރެންސް ހޯލްގައެވެ.
މިފޯރަމްގައި ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްސް ލޯޔަރުން، އެކައުންޓިންގ ޕްރޮފެޝަނަލްސް އަދި މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ދަތިތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުލަވާލައިފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީރާއިން ވިދާޅުވީ، މިފޯރަމްގެ ތެރެއިން ޕެނަލްތަކުގެ މެދުގައި ތަފާތު ފަސް މަޢުޟޫއަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.