ތަރައްްޤީ

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި


ހދ. ނޮޅިވަރަމްގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއަދު ނޮޅިވަރަމްގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ، އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. ނޮޅިވަރަމް ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީއާއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ނޮޅިވަރަމް ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރާއި ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 12 ރަށެއްގައި ފެނުގެ ނިޒާމް އަދި 10 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ކުރީގެ ސަރުކާރަކުން ޙަރަދު ނުކުރާވަރަށް، އަދުގެ ސަރުކާރުން ޙަރަދުކުރައްވާ، ރައްޔިތުންނަށް ބޭނުންވާ މުހިއްމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14722856841591.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުން / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެއް ސީއައުޓްފޯލް އަޅާ، 5 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 18 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ ވިއުގާއެއް އެޅިގެންދާއިރު، 561 ގެއަކަށް ކަރަންޓް ގުޅާދެވިގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ، އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި މި މަސައްކަތް އެއްކޮށް ނިންމާ، ނޮޅިވަރަމްގައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް އެކުންފުނިން މަސައްކަތް ކުރައްވާނެކަމަށެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކުރައްވާފައި ވަނީ 30 ސެޕްޓެމްބަރ 2017 ގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ނިމި، އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރުވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ.