ތަރައްްޤީ

"ތަރައްޤީގެ މަސައްކަތްކުރައްވަނީ އިންޤިލާބީ ބަދަލެއްގެ ތެރެއިން"


ރާއްޖެ ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވަނީ އިންޤިލާބީ ބޮޑު ބަދަލެއްގެ ތެރެއިންކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ފުވައްމުލަކުގައި ބޭއްވެވި ރައީސް ޔާމީން 2018 ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ދެއަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކުރެވުނު ކަންކަމުން ޤައުމުގެ މުސްތަޤްބަލް އުޖާލާ ވެފައިވާކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިފެންނަނީ ރާއްޖެ މީގެކުރިން ދުވަހަކުވެސް ނުދެކޭފަދަ އާރާސްތު ކުރުމުގެ ބޮޑު އިންގިލާބެއް އައިސްފައިވާ ތަންކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ސަތޭކަ އަށްޑިހަ އަށް ރަށް އޮތްއިރު ފަސްސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ މަޝްރޫޢު އެއްފަހަރާ މިހާރު ވެސް ހިނގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.  

މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްފަހުން މި ޤައުމުގައި އުންމީދީ ހުޅުކޮޅު ދިއްލުނުކަމަށެވެ. "އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރަސީގެ ނިވާފަތްގަނޑަކަށް ގެނެސް މިކަންކަން ފެޝަނަކަށް ހަދައިގެން ޤައުމުގެ ޢިޖުތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްފަ މި އޮތީ. އެކަން ހަމައަކަށް ގެނައުމަށްޓަކާ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި ލޮބުވެތި މެމްބަރުންގެ އެހީތެރިކަމާއެކުގައި މިވަނީ އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން އަބުރު ރައްކާތެރިކުރެވޭނެފަދަ ނިޒާމެއް އަޅުގަނޑުމެން އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭ އޮންނަންޖެހޭ ކުލުނާއި ގާތްކަން ރަމްޒުކޮށްދޭ ވާފަށް އަލުން ގުޅުވާލެވޭނެ ގޮތްތަށް ޤާއިމް ކޮށްދެއްވާފަ. މިކަމާ ކީއްވެތޯ އަޅުގަނޑުމެން ދެކޮޅު ހަދަންވީ؟". މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14607333573894.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ސިއްޙީ ޚިދުމަތް ކުރެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުންފުޅާއި ތަރައްޤީގެ ޗާޓް ދިހަ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަވެގެން އަންނައިރު، މި މަޝްރޫޢު ވެގެންދާނީ ގޭގަ އިންނަ އެންމެ ނިކަމެތި މީހާގެ ހިތުގެ އެންމެ ހިމަ ނާރުގައި ފުއްޓައްކެތް ޖަހާލާނެ ފަދަ ފުރިހަމަ މަޝްރޫޢުއަކަށް ކަމަށެވެ. ސިއްޙީ ދާއިރާއިން މިސަރުކާރުން ހޯއްދަވަމުން ގެންދަވާ ކުރިއެރުންތައް ފާހަގަ ކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގައި ވަރަށް އަވަހަށް ޑަޔަލެސިސްގެ ޚިދުމަތް ފައްޓަވާނެކަމަށެވެ.

" އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ދިވެހި ރާއްޖޭގައި ޑަޔަލެސިސްގެ ޚިދުމަތް ދެމުން އައީ ހަމައެކަނި އައިޖީއެމް ހޮސްޕިޓަލްގައި. ދުވަސްކޮޅެއް ފަހުން ޑރ. ވަހީދުގެ ވެރިކަމުގައި އައްޑޫގައި ޑަޔަލެސިސްގެ ޚިދުމަތް ފެށުނު. މިއަދު އަޅުގަނޑު މިތާންގައި މިވާހަކަ ދައްކާއިރު ދަންނަވަންތޯ ކުޅުދުއްފުށީގައި ޑަޔަލެސިސް ހެދޭ. އުނދޫފާރުގައި ޑަޔަލެސިސް ހެދޭ. ތިނަދޫގައި ޑަޔަލެސިސް ހެދޭ. އައްޑޫގައި ޑަޔަލެސިސް ހެދޭ. ވިލިނގިލީގައި ޑަޔަލެސިސް ހެދޭ. ހުޅުމާލޭގައި ޑަޔަލެސިސް ހެދޭ. އަޅުގަނޑު ދަންނަވާނީ ކައިރު މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ މި ފުވައްމުކަލަކުގައި ވެސް ޑަޔަލެސިސް ހެދޭނެ ގޮތް މިސަރުކާރުން ހަދާނަމޭ".

img:http://s2.psmnews.mv/images/660x400/14705842323887.jpg|އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

މި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކަށް ތަޢުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޤައުމުގެ ދުވެލި ހަލުވިވެ އިޤްތިޞާދީ ގޮތުން ބާރު ސްޕީޑެއްގައި ޤައުމު ކުރިއަރަމުން އަންނަކަމަށް މިޖަލްސާގައި ވާހަކަދެއްވި ބޭފުޅުން ފާހަގަ ކުރެއްވިއެވެ.