އިންޓަރ-ޕާލިމެންޓްރީ ސްޕީކަރސް ކޮންފަރެންސް، އައިއެސްސީގެ ނަތީޖާތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައެވެ. އެމަނިކުފާނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމާއި އައިއެސްސީގެ ކަންކަމަށް އަލިއަޅުއްވާލައްވާފައެެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައިއެސްސީގެ ކާމިޔާބީ ފާހަގަކުރައްވައި، ސުލްޙައާއި ސަލާމަތާއި ތަރައްޤީއާ ގުޅޭގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން ދިނުން ކުރިއެރުވުމުގައި އެ ކޮންފަރެންސްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެ ކޮންފަރެންސްގެ ނަތީޖާތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ޢާންމު ގޮންޖެހުންތައް ހައްލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ދިވެހި ވަފުދަށް ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން އިސްލާމްއާބާދުގައި ދިން ހިތާމަވެރި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކާއި އަނިޔާވި މީހުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ނިރުބަވެރި އެ ހަމަލާ ހަރުކަށި އިބާރާތުން އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.