ތަރައްްޤީ

ދިއްދޫ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި


ހއ. ދިއްދޫ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރައްވައިފިއެވެ.

ދިއްދޫގައި އެކަމަށްޓަކައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އެރަށުގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި، ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. ދިއްދޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ބީލަމުގެ އުޞޫލުން ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

ހއ. ދިއްދޫ ފެނުގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢަކީ ދިއްދޫ ރައްޔިތުން ނުހަނު ބޭނުންވެފައިވާ މަޝްރޫއެއްކަމަށާއި، ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިއްމު އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ހއ. ދިއްދޫ ފެނުގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެން ހޮޅިވަޅުލައި ފެނުގެ ނިޒާމް ގުޅާލުމާއި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރާނެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް ނިމިފައިވާއިރު، ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

ސިއެރާ މޯލްޑިވްސްއާއި މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ 30 ފެބުރުއަރީ 2017 ގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.