ތަރައްްޤީ

ދިވެހި ސިފައިން އަސްކަރީ ޚާއްޞަ ތަމްރީނުތަކެއް ފަށްޓަވައިފި


ރާއްޖޭގެ ސިފައިންގެ ހުރިހާ މަރުކަޒެއްގައި މަސައްކަތްކުރާ ސިފައިން ހިމެނޭ ގޮތަށް ސިފައިންގެ އަސްކަރީ ޚާއްޞަ ތަމްރީނުތަކެއް ފަށްޓަވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވާ ގޮތުގައި މި ޢަސްކަރީ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ މިއަހަރުގެ ސިފައިންގެ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އިޢުލާންކުރެއްވި ދިވެހި ސިފައިންގެ މި އަހަރުގެ ޝިޢާރުކަމަށްވާ "ތަމްރީނާއި ތަރުބިއްޔަތު - ސިފައިންގެ ބިންގާ" މި ޝިޢާރާ ގުޅުވައިގެން ހިންގަވާ ތަފާތު ތަމްރީނުތަކުގެ ތެރެއިން ޚާއްޞަ ތަމްރީނުތަކެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14722023807491.jpg|ދިވެހި ސިފައިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ސިފައިންގެ ހުރިހާ މަރުކަޒެއްގައި މަސައްކަތްކުރާ ސިފައިން ހިމެނޭ ގޮތަށް މުޅި އަހަރު ދުވަހަށް ބައްސަވާލައްވައިގެން ހިންގަވާ މި ޚާއްޞަ ތަމްރީނުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓެވުމަށް ސިފައިންނަށް ދެއްވާ ތަމްރީނުތަކެކެވެ.

އެމްއެންޑީއެފުން ވިދާޅުވާ ގޮތުގައި ސެންޓްރަލް އޭރިއާ ހެޑްކްއާޓަރޒް ކަމުގައިވާ ލ.ކައްދޫގައި މިހާރު ހިންގަވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްގައި އެމްއެންޑީއެފަށް ކަނޑައެޅިފައިވާ މިޝަން އެސެންޝިއަލް ޓާސްކްތަކުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް ޢަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅުން ހުރި ތަމްރީނުތައް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

img:http://s2.psmnews.mv/images/660x400/14722023935578.jpg|ދިވެހި ސިފައިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މި ތަމްރީނުތަކުގައި ސަލާމަތީ މަޝްރަޙާ ގުޅުން ހުރި ކަންތައްތަކަށް ރިޢާޔަތްކުރައްވައިގެން ހިންގަވާ އަސްކަރީ ފަރިތަކުރުންތައް ލިބިދެއްވުމާއެކު، ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ޤާބިލުކަން އިތުރަށް ތަރައްޤީކުރެވޭނެއެވެ. އަދި ސިފައިންގެ މައިގަނޑު ކޮމްޕޯނަންޓްތަކުން އޭރިއާތަކުގައި ހިންގަވާ އޮޕަރޭޝަންތައް ކާމިޔާބުކުރެއްވުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމާއި ސިފައިންގެ މަރުކަޒީ ތަމްރީނުތައް ހިންގަވާނެ ގޮތްތައް ފަރިތަކުރެވޭނެއެވެ.

img:http://s3.psmnews.mv/images/660x400/14722024654763.jpg|ދިވެހި ސިފައިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން ދެމެހެއްޓެވުމަށް ތަޢުލީމާއި ތަމްރީނު ހޯދައި، ޤާބިލު ހުނަރުވެރި ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި އަބަދުވެސް ސިފައިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14722024753723.jpg|ދިވެހި ސިފައިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރަކީ ސިފައިންގެ ތަމްރީނުތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝިޢާރެއްގެ ދަށުން ސިފައިންގެ ތަމްރީނާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ޕްލޭންތަކެއް ކުރައްވައިގެން މަސައްކަތް ކުރައްވާ އަހަރެއް ކަމަށްވެސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.