ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ އޮޕްރޭޝަންތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.
ފަޞީޙް މިހެން ވިދާޅުވީ، މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާމިއީ ޙައްލެއް ގެނައުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ، ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަން ބަލާ ފާސްކުރުން ހިމެނެވެ. އަދި ބިދޭސީން ޤަވަާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމާއި، ސައްޚަ ވިސާނެތި އުޅޭ ފަރާތްތައް އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ފެށި މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތް ފުރަތަމަ ފަށައިގެން އައިއިރު ބިދޭސީން ތިބީ ދައުލަތައް ދައްކަން ޖެހޭ ވާކް ޕާރމިޓް ފީ ނުދައްކާ ކަމަށާއި، ވޯކް ވިސާ ނެތި މަސައްކަތް ކުރުމަށް ހުއްދަ ދޫކޮށްފައިވާ ސައިޓްނޫން އެހެން ސައިޓްތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ފަޞީޙް ވިދާޅުވިއެވެ. އެހެންނަމަވެސް މި ފަހުން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި 85 އިންސައްތަ ބިދޭސީންނަކީ، ޤަވާއިދާ އެއްގޮތައް ދައްކަންޖެހޭ ފައިސާ ދައްކާ ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ތިބި ބިދޭސީންކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިމިގްރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ ވާހަކަފުޅުގައި ވަނީ، ވައިގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ޕްލައިޓްތަކުގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުމަގުން ރާއްޖެ އަންނަ އަދި ފުރާ އުޅަނދުތަކުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށާއި، މިއާއެކު އެއަރޕޯޓު އަދި ސީޕޯޓުން އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދޭ ފަސިންޖަރުންގެ އަދަދުވެސް އިތުރުވެފައިވާކަން ފަޞީޙް ފާހަގަކުރެއްވިއެވެ.
ފަޞީޙް ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރަމުންދާއިރު އަމާޒަކީ ރާއްޖެ އަންނަ އަދި ފުރާ ފަރާތްތަކަށް އެ ފަރާތްތަކުން ބަަލައި ގަންނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
"އަމާޒަކީ، ރާއްޖެ އަންނަ އަދި ފުރާ ފަރާތްތަކަށް އެ ފަރާތްތައް ބަލައިގަންނަ ޚިދުމަތްތަކެއް ހިނިތުންވުމާއެކު ފޯރުކޮށްދިނުން. މި ޚިދުމަތްދޭ އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ލިބޭނީ، ރައްޔިތުން ޤަބޫލުކުރާ ފަދަ ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީގެން. އަމާޒަކީ، އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ މަތިކޮށް މި އިދާރާއަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތެއް ދޭ އިދާރާއަކަށް ހެދުން " ފަޞީޙް ވިދާޅުވިއެވެ.
ފަޞީޙް ވިދާޅުވީ، އިމިގްރޭޝަންގެ ކޮންމެ މުވައްޒަފެއްގެ އަމާޒާކަށް ވެފައިވަނީ، ދިވެހި ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން އެކި ބޭނުންތަކުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދެފުށް ފެންނަ އަވަސް ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.