ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ސިއްޙީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ، ގައްދޫގައި އިމާރާތް ކުރާ 30 އެނދުގެ އައު ހޮސްޕިޓަލާއެކު ސަރވިސް ބިލްޑިންއަކާއި، 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހޮސްޕިޓަލުގެ އައު އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީއާއި، ފްލޫ ކްލިނިކެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތްތައްވެސް ޤާއިމުކުރާނެ ކަމަށާއި، މިއީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 101.7 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 2 ބުރިއަށް ކަމަށް މިމަޝްރޫޢުގެ މަސައްކަތް ހަވާލުކުރި ކުންފުނި، އެމްޓީސީސީން ވިދާޅުވިއެވެ.
ފާއިތުވި ހަފުތާގައި ސަރުކާރުން ވަނީ، ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ ދާއިރާއިން ގިނަ އަދަދެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި، އައު ސިއްޙީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.