"ވަރަ" އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުން ބުނެފިއެވެ. މި އެކްސްޕޯ ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް އެކްސްޕޯ ކުރިއަށްދާނެއެވެ.
"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ވަރަ އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި 15000 އަށްވުރެ ގިނަ ވަޒިފާ ހޯދާ މީހުންނާއި ދަރިވަރުންނާއި އަދި އެކި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އަންދާޒާކުރައްވައެވެ.
އެކްސްޕޯގައި 146 އެގްޒިބިޓަރުން ބައިވެރިވެއެވެ. 1146 ވަޒީފާގެ ފުރުސަތު އެކްސްޕޯގެ ތެރެއިން ހުޅުވިގެންދާނެެވެ. 200 އަށްވުރެ ގިނަ އެޕްރެންޓިޝިޕް ފުރުސަތުތާއި، 500 އަށްވުރެ ގިނަ އިންޓާންޝިޕްގެ ފުރުސަތުގެ މައުލޫމާތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުން ބުނެފައިވަނީ އެކްސްޕޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.
އެކްސްޕޯ ބަހާލާފައިވަނީ 3 ޒޯންއަކަށެވެ. އެއީ ކެރިއަރ، އެޑިއުކޭޝަން އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯންއެވެ.
ކެރިއަރ ޒޯންގައި 50 އެގްޒިބިޓަރުން ބައިވެރިވެއެވެ. މީގެތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ހިމެނެއެވެ. މި ޒޯންއިން ވަޒީފާގެ، އެޕްރެންޓިޝިން އަދި އިންޓާންޝިޕްގެ ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެއެވެ.
އެޑިއުކޭޝަން ޒޯންގައި ހަޔަރ އެޑިޔުކޭޝަން ޕްރޮގްރާމްތަކާއި، ވޮކޭޝަނަލް ޓަރެއިނިންއާއި، ޕްރޮޕެޝަނަލް ސެކްޓްފިކޭޝަންސްއާއި ގުޅޭ މައުލޫމާތު ލިބޭނެއެވެ. އަދި ލިބެންހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ޑިސްކައުންޓްތަކާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެއެވެ. އެޑިއުކޭޝަން ޒޯންގައި މުޅި ޖުމްލަ 36 އެގްޒިބިޓަރުން ބައިވެރިވެއެވެ.
ސްކިލް އެކްސްޕީރިއަންސް ޒޯންގައި 16 އެގްޒިބިޓަރުން ބައިވެރިވާއިރު މި ޒޯނުން ލައިވް ޑެމޯއާއިއެކު އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ސްކިލްސްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެއިތުރުން މާކެޓް ޒޯންގައި 50 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. މި ޒޯންގައި ދިވެހި އުފެއްދުންތެރިންގެ ތަފާތު އުފެއްދުންތައް ފެންނަން ހުންނާނެއެވެ.