ޚަބަރު

ވިލުންތެރި ރާއްޖެ: މާލޭގައި "ކުރިމަގު ސައްލާ" ފަށައިފި


  • މިހާތަނަށް 8200އަށްވުރެ ގިނަ މީހުންގެ ޚިޔާލާ މަޝްވަރާ ވަނީ ހޯދާފައި

  • 173 ރަށެއްގައި ބައްދަލުވުންތައް ބާއްވާފައިވޭ

ދިވެހިރާއްޖޭގެ 20 އަހަރުގެ ކުރިމަގު ބިނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވާ، ރައްޔިތުންގެ ބައްދަލުވުންތައް މާލޭގައި ފަށައިފިއެވެ.

މާލޭގައި ބާއްވާ މިސައްލާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިރޭ އަމީނިއްޔާ ސްކޫލުގައެވެ. ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ މާލޭގެ އިތުރުން، ހުޅުމާލެ ފޭސް 1، 2 އަދި ވިލިމާލޭގައިވެސް މި ސައްލާ ބޭއްވުމަށް ތާވަލުކޮށްފައިވާކަަމަށެވެ.

ކުރިމަގު ސައްލާ އަކީ ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުން ތަޞައްވުރު ކުރާ ގޮތް ހޯދުމަށް "ވިލުންތެރި ރާއްޖެ 2045"ގެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ.

ޤައުމީ ތަރައްޤީގެ ފްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މީހުން ދިރިއުޅޭ %92 ރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން، 173 ރަށެއްގައި ބައްދަލުވުންތައް ބާއްވައި، 8200އަށްވުރެ ގިނަ މީހުންގެ ޚިޔާލާ މަޝްވަރާ ވަނީ ހޯދާފައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް މި ހިނގާ ނޮވެމްބަރުމަހުގެ 7 އިން 14އަށް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ކުރިމަގު ސައްލާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ:

ހުޅުމާލެ ފުރަތަމަ ފިޔަވަހި: 8 ނޮވެމްބަރު / ރެހެންދި ސްކޫލް
ވިލިމާލެ: 9 ނޮވެމްބަރު / މުޙްޔިއްދީން ސްކޫލް
މާލެ: 13 ނޮވެމްބަރު / އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ހުޅުމާލެ ދެވަނަ ފިޔަވަހި: 14 ނޮވެމްބަރު / ސަލާހުއްދީން ސްކޫލް

މި މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ، ކްލައިމެޓް ޗޭންޖް އެން އެންވަރމެންޓް ސްޕެޝަލިސްޓް މުޙައްމަދު އިނާޒް ވިދާޅުވީ، ތަރައްޤީގެ ޕްލޭން އެކުލަވާލާނީ މާލޭއާއި އަތޮޅުތެރެއިންވެސް މި ސައްލާތަކުގައި ބައިވެރިވެ ޚިޔާލު ހުށަހެޅި ފަރާތްތަކުގެ ޚިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށްކަމަށެވެ.

"ކުރިމަގު ސައްލާ އަޅުގަނޑުމެން ރާވާލާފަ މި އޮންނަ ގޮތަކީ ރައްޔިތުންގެ ޚިޔާލު ހޯދޭނެ ގޮތަކަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް. ހުރިހާ ބޭފުޅުންވެސް ކިހިނެއްތޯ މުސްތަޤްބަލާ ދެތެރޭ ދެކެނީ. 2045 ކިހިނެއްތޯ ހުރިހާ ބޭފުޅުންގެ ތަސައްވުރު ހުންނަނީ. މިގޮތަށް ޚިޔާލުހޮދުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުންތަކެއް. ހުރިހާ ރަށްތަކަކުން ހުރިހާ ބޭފުޅުންގެ ޚިޔާލު އެއްކޮށްފަ އަޅުގަނޑުމެން މި ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު އެ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އަޅުގަނޑުމެން ޕްލޭން އެކުލަވާލާނީ" މުޙައްމަދު އިނާޒް ވިިދާޅުވިއެވެ.

މި ބައްދަލުވުންތަކަށްފަހު، މި ޕްލޭންގެ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ މުހިންމު މަސައްކަތް ފަށާނެއެވެ. އެގޮތުން ބައިވެރިން ހުށައެޅި ޚިޔާލުތަކާ މަޝްވަރާއަށް ބިނާކޮށް، ސިޔާސަތުތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މީގެތެރޭގައި ކުރު މުއްދަތުގައި ޙާސިލްކުރަން ބޭނުންވާ ކަންކަމާއި މެދު އަދި ދިގު ރާސްތާގެ ތަޞައްވުރު ހިމެނެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ރައީސް އޮފީހާއި، ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން، އަމިއްލަ ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ