އޭޝިއާ ސަރަޙައްދުގެ ފާހަގަކޮށްލެވޭ އެވޯޑެއް ކަމުގައިވާ "ރެމޮން މަގްސޭސޭ އެވޯޑް" ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރ ޝާހީނާ ޢަލީއަށް ލިބިއްޖެއެވެ.
މި އެވޯޑު ލިބުނީ، ޝާހީނާ ތިމާވެށީގެ ދާއިރާއިން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މިއެވޯޑާއި ގުޅިގެން ރެމޮން މަގްސޭސޭ އެވޯޑް ފައުންޑޭޝަނުން ބުނީ، އެފައުންޑޭޝަންގެ ބޯޑުން ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށް ޝާހީނާ ކުރަމުންދާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އޭނާގެ މަސައްކަތް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދީ ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހީންގެ ބިނާކުރަނިވި ވިސްނުމެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް އެފައުންޑޭޝަނުން ފާހަގަކުރާ ކަމަށެވެ.
ޝަހީނާއަކީ، ޑައިވަރެކެވެ. އަދި އޭނާއަކީ، ތިމާވެށީގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާ ފަރާތެކެވެ. އެގޮތުން ކުންޏާއި ދެކޮޅަށް ވަކިން ޚާއްސަކޮށް ޕްލާސްޓިކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕްލާސްޓިކް އެއްކޮށް، ރީސައިކަލް ކުރުމާއި، ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން އެކި ފަރާތްތަކާއި ގުޅިގެން ޕާލޭއިން 70 އަށްވުރެ ގިނަ ސްކޫލްގައި ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސާފުކުރުމުގެ 700 އަށްވުރެ ގިނަ ޕްރޮގްރާމް ހިންގާފައިވެއެވެ.
ފިލިޕިންސްގެ 7 ވަނަ ރައީސް ރެމޮން މަގްސޭސޭގެ ނަމުގައި ދެމުންދާ މިއެވޯޑަކީ، 1958 ވަނަ އަހަރުން ފެށިގެން ދޭ އެވޯޑެކެވެ. ކޮންމެ އަހަރެއްގައިވެސް މިއެވޯޑު ލިބޭ ފަރާތްތައް އޯގަސްޓް މަހު ޢިއުލާން ކުރެއެވެ. އަދި ފިލިޕިންސްގެ މެނީލާގައި މިއެވޯޑު ދިނުމުގެ ޙަފްލާ ބާއްވަނީ، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.