ވިޔަފާރި

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ފުލުހުން ބަލަން ފަށައިފި


ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަތަކެއް މަރުކަޒީ ބޭންކް އެމް.އެމް.އޭއަށް ފާހަގަކުރެވުމާއި ގުޅިގެން އެފަދަ މައްސަލަތަކެއް ތަޙުޤީގު ކުރެއްވުމަށް ފުލުހުންނަށް ހުށައަޅުއްވާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ފުލުހުންވެސް ވަނީ އެފަދަ މައްސަލަތަކެއް ތަޙުޤީގު ކުރައްވަމުން ގެންދަވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ފުލުހުން ތަޙުޤީގު ކުރައްވަމުން ގެންދަވަނީ ކިތައް މައްސަލަކަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރައްވައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެމްއޭގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުން ގެންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށާއި، އެ އިދާރާގެ މޮނިޓަރިންގެ ތެރެއިންވެސް އެފަދަ ކަންކަން ފާހަގަވަމުންދާ ކަމަށެވެ.

އެމް.އެމް.އޭއިން ހުއްދަ ލިބިގެން ނޫނީ ރާއްޖޭގައި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިއެއް ނުހިންގޭނެއެވެ. މަންސޫރު ވިދާޅުވީ ޗުއްޓީއާއި ޙައްޖު މޫސުން ފަދަ ދުވަސްވަރާއި ދިމާކޮށް، ޑޮލަރުގެ ޑިމާންޑް އުފުލޭ ކަމަށެވެ. ނަމަވެސް އެފަދަ ޙާލަތްތަކުގައިވެސް އެމްއެމްއޭއިން އެކަށީގެންވާ ވަރަށް ޑޮލަރު ފޯރުކޮށްދެމުން ގެންދަވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓެވުމަށާއި ޢާންމު ރައްޔިތުންގެ އަސާސީ ބޭނުންތައް ހަމަޖެއްސުމުގެ ޚަރަދަށް ބޭނުންވާ ޑޮލަރު ހޯދުމަށް ދިމާވާ ދަތިތަކަށް ކޮންމެވެސް ލުޔެއް ހޯއްދަވައި ދެއްވުމަށްޓަކައި އެމް.އެމް.އޭއިން ކޮންމެ ހަފްތާއަކު، 4.3 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ލިބިދެއްވައެވެ. އަދި މިއަހަރުގެ ޙައްޖުމޫސުމާއި ދިމާކޮށް ބޭންކުތައް މެދުވެރިކުރައްވާ، ޖުމްލަ 1.6 މިލިއަން ޑޮލަރު ޙައްޖު ކުންފުނިތަކަށް އަދި ޙައްޖުވެރިންނަށް ޚާއްޞަ ކުރައްވައިގެން 1.5 މިލިއަން ޑޮލަރު ވިއްކަވާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.