ޚަބަރު

"ވަރަ" އެކްސްޕޯ ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި


  • އެކްސްޕޯ ކުރިއަށްދާނީ 3 ޒޯނަކަށް ބަހާލައިގެން

  • މި އެކްސްޕޯ މިމަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާނެ

"ވަރަ" އެކްސްޕޯގެ ނަމުގައި ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

މިއީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މިއެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މިމަހުގެ 6 އިން 8 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ވަރަ" އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ކާމިޔާބީތަކާއި އުސްއަލިތައް ހިމެނޭ ޚާއްސަ ފޮތެއް ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކްސްޕޯގައި ބައިވެރިކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެތަންތަން ބައްލަވާލައްވާފައެވެ.

"ވަރަ" އެކްސްޕޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެކްސްޕޯގެ ގޮތުގައި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު 3 ޒޯނަކަށް ބަހާލައިގެންނެވެ.

އޭގެތެރެއިން ކެރިއަރ ޒޯންގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް ވަނީ ހިމަނާފައެވެ. އަދި އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތުގެ އިތުރުން، އެވުޒާރާއިން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު ޢިލްމީ އަދި ފަންނީ މަރުކަޒުތައް އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖުރިބާކުރުމުމުގެ ފުރުޞަތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

"ވަރަ" އެކްސްޕޯގެ ތެރެއިން 1،000އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް، މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓްރީކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. މި އެކްސްޕޯގައި ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރެވޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.