ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2026ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓިގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރައްވާފައިވަނީ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި 22 މެންބަރުން ތިއްބަވާނެއެވެ.
ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެމެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އެ ދެ ނަން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރު އެކުލަވައިލި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މުގައްރިރަކަށް ހުންނެވީ ފަޒާދެވެ. އަދި ނައިބަކަށް ހުންނެވީ ސަލީމެވެ. މިއީ ކޮންމެ އަހަރަކު އުފައްދާ ވަގުތީ ކޮމިޓީއެކެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި މި މަހުގެ 19ވަނަ ދުވަހަށް ބަޖެޓުގެ ކަންކަން ނިންމައި ރިޕޯޓު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ބަޖެޓަށް ބަހުސްކުރުން ކުރިއަށްދާނެ ގޮތް މީގެކުރިން ފާސްކޮށްފައެވެ. އެގޮތުން، ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދޭއިރު ވަޒީރާ ސުވާލުކުރުމަށް 45 މިނެޓު އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ. ބަޖެޓް ދިރާސާ ކުރާނީ އެކަމަށް ޚާއްސަ ކޮމިޓީންނެވެ.