ޚަބަރު

ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް އިސްލާހު ގެނެސްފި


  • ބިލު ފާސްކުރީ ޖަލްސާއަށް ވަޑައިގެން މެންބަރުންގެ އިއްތިފާގުން

  • ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގައި ހުންނަން ޖެހޭ ޝަރުތުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައި

ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ އެކޮލެޖަކަށް ލިބޭގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުންނެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ. މި ބިލު ދިރާސާކުރުމަށްފަހު، އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކުރީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި ވާސީލަތްތަކާއި ޤާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނެވެ. ރާއްޖޭން ބޭރު ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށްވެސް މި ޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެއެވެ. ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ދަށް ކުރުމަށެވެ.

މީގެ އިތުރުން ޔުނިވަރސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުންކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް އިސްލާހު ކުރުމަށް ހުށަހެޅުއްވިއެވެ. ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ތަފްސީލުކޮށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް:

ކޮލެޖަކަށް ޔުނިވަރިސޓީއެއްގެ ދަރަޖަދެވޭ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ މަދުވެގެން 3 ދާއިރާއަކުން ޕްރޮގްރާމްތައް ހިންގާ ކޮލެޖަކަށްވާން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ލެވެލް 7ން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 1000 އަށްވުރެ ގިނަވާންޖެހޭނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިން ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ، ރޭޓުކުރެވި ނުވަތަ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުމާއި ބައިނަލްއަގުވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ ކޮލެޖުތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ރިސަރޗް މަސައްކަތްތަކާއި ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖުތަކަށްވެސް ޔުނިވަރސިޓީގެ ދަރަޖަ ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ކޮލެޖުގެ އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންކަމަށް ވާންޖެހޭނެ ކަމަށާއި ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވަސީލަތްތައް ގާއިމުކޮށްފައިވާ ކޮލެޖަކަށް ވާންޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު އެކުލަވާލަންޖެހޭ އަދި އިސްލާހުކުރަންޖެހޭ ގަވާއިދުތައް ބިލު ތަސްދީގުކޮށް ޤާނޫނަށް އަމަލުކުރަން ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ގެޒެޓުގައި ޝާއިއުކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ބިލުގައި ހިމަނާފައެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.