މިދިޔަ އޮކްޓޫބަރުމަހު ފުލުހުންނަށް ޖުމްލަ 808 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ސެޕްޓެންބަރުމަހާ އަޅާބަލާއިރު އޮކްޓޫބަރުމަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ މަދުވެފައެވެ. އެގޮތުން އޮކްޓޫބަރުމަހު ފުލުހުންނަށް ޖުމްލަ 808 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ސެޕްޓެންބަރުމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 1096 މައްސަލައެކެވެ.
އޮކްޓޫބަރުމަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 274 މައްސަލަ ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 209 މައްސަލަ ހުށަހަޅާފައިވެއެވެ. 
ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 123 މައްސަލަ އޮކްޓޫބަރުމަހު ވަނީ ހުށަހަޅާފައެވެ.                   
		
			• ވައްކަމުގެ 274 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 209 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 123 މައްސަލަ
• އެއްޗެހި ގެއްލިގެން 72 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 38 މައްސަލަ
• އަނިޔާގެ 33 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ
• ގެވެށި އަނިޔާގެ 15 މައްސަލަ
• ފޭރުމުގެ 10 މައްސަލަ
• ޚިޔާނާތުގެ 7 މައްސަލަ
• ފޯޖް ކުރުމުގެ 5 މައްސަލަ
• ޗެކް ބައުންސްގެ 2 މައްސަލަ
		
			ކުށް މަދުކުރުމަށް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.