ދުނިޔެ

ޖަރާބްލުސް މިނިވަންކުރުމަށް ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށަނީ


ސޫރިޔާއާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ޖަރާބްލުސް އަދިވެސް އޮތީ ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސް ހަނގުރާމަވެރިންގެ އަތްދަށުގައެވެ. އެ ރަށް، މިނިވަންކުރުމަށް ވަރުގަދަ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ކަމުގައި އެންމެ އިސްކޮށް އުޅެނީ، ސޫރިޔާގެ ސަރުކާރާއި ދެކޮޅު ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތްތަކެވެ. މީގެ ތެރޭގައި އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ސޫރިޔާ ޑިމޮކްރެޓިކް ފޯރސަސް، އެސްޑީއެފް އަދި ވައިޕީޖީ ހަނގުރާމަވެރިން ހިމެނެއެވެ.

މީގެ އިތުރުން، ތުރުކީ ވިލާތުން އެއްބާރުލުންދޭ ސޫރިޔާގެ އިދިކޮޅު ސުންނީ ޢަރަބި ހަނގުރާމަވެރިންގެ ޖަމާޢަތްތަކުންވެސް ދަނީ ޖަރާބްލުސް ހިފުމަށް މަސައްކަތް ކުރަމުންނެވެ. އަދި، އެ ޖަމާޢަތްތަކުގެ ހަނގުރާމަވެރިން ސޫރިޔާއަށް އެތެރެވުމަށް މަސައްކަތްކުރަމުންދާއިރު، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތުރުކީވިލާތުން މިހާރު ގެންދަނީ ޖަރާބްލުސްގައި ހަރަކާތްތެރިވަމުންދާ އައިއެސް ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންނެވެ. ތުރުކީވިލާތުގެ ޢަމާޒަކީ، ކުރުދީންނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް، ސުރިޔާގެ ސަރަޙައްދުތަކަށް އަތްގަދަކުރުމަށް ފުރުޞަތު ނުދިނުމެވެ.

އަނެއްކޮޅުން، އެމެރިކާގެ އެއްބާރުލުމާއިއެކު ވައިޕީޖީ ހަނގުރާމަވެރިންވަނީ ސޫރިޔާއާއި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގު ހިމެނޭ 400 ކިލޯމީޓަރުގެ ސަރަޙައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި، އެމެރިކާގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާއިއެކު، އެ ޖަމާޢަތުންވަނީ ޖަރާބްލުސްގެ ދެކުނުން އޮންނަ މަންބިޖް، އައިއެސް ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/14720238103991.jpg|އައިއެސްއާއި ދެކޮޅަށް ސޫރިޔާގައި ހަނގުރާމަކުރަމުންދާ ސިފައިންތަކެއް- ފޮޓޯ: ޒިންހުއާ

މީގެ އިތުރުން، ސޫރިޔާގެ އިރުއުތުރުގައިވާ ހަސާކާގައި ހިނގަމުންދާ ހަނގުރާމަ، ވަގުތީ ގޮތުން މެދުކަނޑާލުމަށް ސޫރިޔާގެ ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންވަނީ އެއްބަސްވެފައެވެ. ހަސާކާގެ ބޮޑު ބައެއް މިހާރު އޮތީ ވައިޕީޖީ ޖަމާޢަތުގެ އަތްދަށުގައިކަމަށް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމްޢިއްޔާއެއްކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ.

ހަސާކާގައި ޙާލުގައި ޖެހި، އިންސާނީ އެހީއަށް ބޭނުންވެފައިވާ އެތައް ހާސް ރައްޔިތުންނެއް ތިބި އިރު، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލިކަން އިޢުލާނު ކުރުމުން، ގިނަ އަދަދެއްގެ ބަޔަކުވަނީ، ކާނާއާއި ބޯފެން ހޯދުމަށް މަސައްކަތް ފަށާފައެވެ. އަދި، ހަނގުރާމައިގެ ސަބަބުން ޒަޚަމްތައް ލިބިފައިވާ ގިނަ އަދަދެއްގެ ބަޔަކުވަނީ، ހަނގުރާމަ ހުއްޓާލުމާއި ގުޅިގެން، ޞިއްޙީ ފަރުވާ ހޯދުމަށް އަވަސްވެގެންފައެވެ.

 5 އަހަރަށްވުރެ ގިނަ ދުވަސްވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ބަލާލާއިރު، ހަސާކާގައި ހިނގަމުންދާ ހަނގުރާމައަކީ އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި ހަނގުރާމަކަމަށް ޤަބޫލްކުރެވެއެވެ.