ޚަބަރު

8 އަހަރުގެ ކުދިން ދުންފަތަށް ހުށައެޅެމުންދާއިރު މިއީ އަޅަން މަޖުބޫރު ފިޔަވަޅެއް!


  • ރާއްޖޭގެ ސްކޫލް ޢުމުރުގެ ކުދިންގެ ތެރެއިން %45 ކުދިން ދުންފަތުގެ އިސްތިއުމާލުކުރޭ

  • އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރާއްޖެއަށް 460 މިލިޔަން ސިނގިރެޓު އެތެރެކުރޭ

  • ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް އަހަރަކު 1.1 ބިލިޔަން ހޭދަކުރޭ

  • ދުންފަތުގެ ސަބަބުން ހުށައެޅޭ ބަލިތަކަށް ފަރުވާ ހޯދުމަށް ބޮޑު ހޭދައެއްކުރޭ

ރާއްޖޭގެ އާބާދީގައި ކޮންމެ 4 މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ %45 ކުދިން ދުންފަތުގެ އިސްތިއުމާލުކުރާކަން ދިރާސާއިންވަނީ ހާމަވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިއަދު ތަންފީޒުކުރަން ފެށި ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަކީ، ދިވެހީންގެ ދުޅަހެޔޮ ސިއްޙަތަކަށްޓަކައި އަދި އަރަމުން އަންނަ ޖީލު މިވަބާއިން ސަލާމަތްކުރުމަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެކެވެ.

އާންމު ސިއްޙަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދުންފަތުގެ ވަބާއެވެ. 2022 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްޓިކްސްއިން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ނުކުޅެދުންތެރިކަމާއި އަދި ދާއިމީ ބޮޑެތި ބަލިތަކުގެ ޝިކާރައަކަށްވެ، މަރުވާ މައިގަނޑު ސަބަބުތަކަކީ ދުންފަތުގެ ސަބަބުން ހުށައެޅިގެންދާ ދާއިމީ ބަލިތައްކަންވަނީ ހާމަވެފައެވެ. އޭގެތެރޭގައި ހިތުގެ ބަލިތަކާއި، ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ފަދަ ނުރައްކާތަށް ހިމެނެއެވެ.

ރާއްޖޭގައި ޢުމުރުން 8 އަހަރުގެ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރަކަންވަނީ ރިކޯޑުކުރެވިފައެވެ. ގްލޯބަލް ޔޫތް ޓޮބޭކޮ ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގެ ސްކޫލް ޢުމުރުފުރައިގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް ނުވަތަ ނިކޮޓިން ހިމެނޭ ބާވަތެއް ބޭނުންކުރެއެވެ. ސްކޫލްތަކުގައި މިނުރައްކާ ބޮޑުވެފައިވާއިރު އަހަރުން އަހަރަށް ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ އެކި ބާވަތްތައްދަނީ އިތުރުވަމުންކަން ކަސްޓްމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްގެ ރިކޯޑުތައް ދައްކާގޮތުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރާއްޖެއަށް، 460 މިލިޔަން ސިނގިރޭޓު އެތެރެކުރެއެވެ. އަދި ސިނގިރެޓައި ދުންފަތުގެ އެހެން ބާވަތްތައް އެތެރެކުރުމަށް އަހަރަކު 1.1 ބިލިޔަން ރުފިޔާ ހޭދަކުރެއެވެ. މިޢަދަދުތައް މިހެން ހުރިއިރު، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ފޯރުކޮށްދިނުމަށް ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން 3 ބިލިޔަނެއްހާ ރުފިޔާ އަންނަނީ ހޭދަކުރަމުންނެވެ.

ރާއްޖޭގައި މީގެކުރިންވެސް ދުންފަތުގެ އެކި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން އެކި ސަރަޙައްދުތަކުގައި މަނާކުރުމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެހެންނަމަވެސް އެދެވޭ ބަދަލެއް އެއާއެކު އައިސްފައެއް ނުވެއެވެ. އެހެންކަމުން ދުންފަތުގެ ސަބަބުން މަގުފަހިކުރާ ބޮޑެތި ބަލިތަކުން ޤައުމު ސަލާމަތްކުރުމަށް މިއަދު އެންމެ ބޮޑު ފިޔަވަޅެއް އަޅަންޖެހެނީ ދުންފަތް އެއްކޮށް މަނާކުރާނެ ހިސާބެއް ކަނޑައެޅުމާ ހަމައިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަކީ ވަރަށް ކުރިންވެސް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ބެލެނިވެރިން އަންނަނީ ފާހަގަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ގެންނަވާނެކަން ޢިއުލާންކުރައްވާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އެއަށްފަހު އެމަނިކުފާނުވަނީ ޖެނެރެޝަނަލް ބޭން ކަނޑައެޅުމަށް ޢުމުރުފުރާ ކަނޑައެޅުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައްވާފައެވެ.

އެއާއެކު އާންމުންގެ ތެރެއިން ގިނަ ބަޔަކު 2000 ވަނަ އަހަރުން ފެށިގެން ނިންމި ނަމަވެސް، މިކަމުގައި ދާއިރަތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާއާއި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއިން ނިންމެވީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވި އަދި އޭގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ގެނައުމަށް ނިންމަވާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގައެވެ.

އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަޅުއްވާފައިވާއިރު މި އިސްލާޙު ފަސްކޮށްފައިވަނީ މޭއި މަހުގެ 13 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއިސްލާޙު ތަސްދީޤުކުރައްވާފައިވަނީ މެއި މަހުގެ 21 ވަނަ ދުވަހުގައެވެ.

ނޮވެމްބަރު މަހުގެ 1 އިން ފެށިގެން މި ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވާއިރު މިއީ 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ތަންފީޒުކުރަން ފެށި އެންމެ ވަރުގަދަ އަދި އެންމެ އުއްމީދީ ސިޔާސަތެވެ.