ދިވެހި ސާފް ލީގުގައި ހިމެނޭ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2025 ފެށިގެން ފޯރީގައި ކުރިޔަށްދާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކުދިން ބައިވެރިވާ ޖޫނިއާ މުބާރާތްކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ބުނެފިއެވެ.
ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕާއި ގުޅޭ ގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ސާފިން އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ސޮބާހް ވިދާޅުވީ 6 ރަށަކުން މި މުބާރާތަށް ކުދިން މާލެ އައިސްފައިވާކަމަށާއި، މި މުބާރާތުގައި ޖުމްލަ 36 ބައިވެރިން ވާދަކުރާ ކަމަށެވެ. އޭގެތެރޭގައި މުޅިން އަލަށް ހުޅުވާލި އަންހެން ޑިވިޝަނުގައި ވާދަކުރާ 6 އެތުލީޓުންވެސް ހިމެނެއެވެ.
ސާފިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ އަންހެން ކުދިންނަށް މި ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެކަމަށާއި އާންމުގޮތެއްގައި ފެންނަނީ ވަރަށް މަދު އަންހެން ރާޅާ އެޅުންތެރިން ކަމަށެވެ.
"ދެން އަޅުގަނޑުމެން އެންމެންނަށް ހަބަރު ލިބިފައި އޮތީ ހާއްސަކޮށް ބައެއް ކަންކޮޅުތައް މިސާލަކަށް ހާއްސަކޮށް ކަނޑިތީމު ތުލުސްދޫ އަދި މާލެ އާއި ފުވައްމުލައް ހިސާބު ރަށްރަށުގައިވެސް އަންހެން ކުދިން ރާޅާ އަޅާކަން. އެރަށްރަށުގެ ކުދިންނާ ވާހަކަ ދެއްކުމަށްފަހު މިފަހަރު ޓެސްޓަކަށް ހުޅުވާލީ 18 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ ރެޖިސްޓްރޭޝަން. ހުޅުވާލުމާއެކު ފުދޭވަރަކަށް ބޮޑު ތަރުހީބެއް ލިބުނު. މިފަހަރު 6 ކުދިން ބައިވެރިވެފައިވޭ. އޭގެ ތެރެއިން މ. މުލިންނާއި ލ. މާބައިދޫއިން ވަރަށް ބޮޑު ތަރުހީބެއް ލިބުނު" ސޮބާހް ވިދާޅުވިއެވެ.
ހުސެއިން އަޒާން އިސްމާޢީލް މި މުބާރާތުގައި ވާދަކުރާ ބައެއް ރާޅާ އެޅުންތެރިން ވަނީ އެ ކުދިންގެ ތަޖުރިބާއާއި މި މުބާރާތާއި މެދު ކުރާ އުންމީދުތައް ޕީީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
އެގޮތުން ރާއްޖޭގެ އަރަމުން އަންނަ ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ބުނީ މިއީ އޭނާއަށް ޖޫނިއާ ކެޓަގަރީގައި ވާދަކުރެވޭނެ އެންމެ ފަހު މުބާރާތްކަމަށާއި، އުންމީދަކީ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
މ.މުލިން މި މުބާރާތުގައި ވާދަކުރާ މުހައްމަދު އާހިލް އިބްރާހިމް ބުނީ މާލޭ ރާޅުގަނޑަކީ ވަރަށް ވަރު ދެރަ ރާޅުތަކެއް ފާހަގަ ކުރެވޭ ކަމަށާއި، އެހެންނަމަވެސް މި ފަދަ މުބާރާތްތަކުގައި ވާދަކޮށް ލިބޭ ތަޖްރިބާތަކާއި އެކު ކުރިޔަށްގޮސް އުންމީދަކީ ގައުމީ ޓީމުގައި ހިމެނުން ކަމަށެވެ.
މ. މުލިން ބައިވެރިވެރިވި ހުސެއިން އަޒާން އިސްމާއިލް ބުނީ މިއީ އޭނާ ވާދަކުރާ ފަސްވަނަ މުބާރާތް ކަމަށާއި، ރަށު ރާޅުގަނޑާއި ބަލާފައި މާލޭ ވަރުނުލާ ރާޅުގަނޑު ވަރަށް އުނދަގޫ ކަމަށެވެ.
ގައުމީ ލީގުގެ ކުރީ ދެ މުބާރާތުގައިވެސް ވާދަކުރި ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ބުނީ އޭނާއަށްވެސް މި މުބާރާތުގައި ވާދަކުރަނީ ޓްރޮފީއަކަށް އަމާޒު ހިފައިގެންކަމަށެވެ. ހުރިހާ އެތުލީޓުންވެސް ވަނީ ކުރިޔަށް ދިއުމަށް އެހީތެރިވެދޭ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.