ޚަބަރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖައިގައި ގިންތިކޮށް އަންނަމަހު މުސާރަ ބޮޑުވާނެ: ރައީސް


  • ރައީސް މިހެން ވިދާޅުވީ ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން

  • ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަން ރައީސް ފާހަގަކުރެއްވި

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ 1 އިން ފެށިގެން ބޮޑުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ދާއިރާއެއްކަމަށެވެ.

ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އިއުލާންކޮށްފައި އޮތް ގޮތަށް ނޮވެމްބަރ 1 އިން ފެށިގެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާއިރު ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަކީ މިހާތަނަށް އައިއިރު ވަރަށް ދަށް ގިންތިއެއްގައި ގިންތިކޮށްފައި އޮންނަ އިދާރާތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ރެއާއި ދުވާލު މަސައްކަތްކުރަންޖެހޭ ބައެއްކަމަށެވެ. އެހެންކަމުން ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖަށް ބަދަލުކޮށް، ނޮވެމްބަރުމަހުން ފެށިގެން މުސާރަ ބޮޑުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރ 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް 4 އިން 3 އަކަށް ނޫން. 4 އަކުން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން. އެހެންވީމަ ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހައި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނީ އެގޮތުން. އެއީ ނޮވެމްބަރު މަހުގެ މުސާރަ. މާއަކީ ނޮވެމްބަރ މަހުގެ މުސާރަ މަސް ނިމޭއިރު ލިބޭއިރުގައި ލިބޭނީ އެގޮތައްށޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބާކީހުރި ދައުލަތުގެ މުވައްސަސާތައް މިއަންނަ އަހަރު ޕޭ ހާމަނައިޒް ކުރެވޭނެކަމަށެވެ. ސަރުކާރުން މިކަން މިގޮތަށް ތަރުތީބުކޮށްގެން ކުރިއަށްގެންދަނީ ރައްޔިތުންގެ އާމްދަނީ މަތިކޮށްދިނުމުގެ ބޭނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.