އަންނަ އަހަރުން ފެށިގެން ވަކީލުކަމުގެ ލައިސަންސް އައު ކުރުމަށްޓަކައި ވަކި ގަޑިއިރަކަށް ހިލޭސާބަހަށް ޚިދުމަތްދިނުން ނުވަތަ "ޕްރޮ ބޯނޯ އަވަރސް" ފުރިހަަމަކުރަންޖެހޭ ގޮތް ހެދުމަށް ނިންމަވާފައިވާކަން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް ޙުސައިން ސިރާޖް ހާމަކުރައްވައިފިއެވެ.
ސިރާޖް މިކަން ހާމަކުރެއްވީ ޤާނޫނީ ވަކީލުން ހުވާކުރެއްވުމަށް ބާ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާ ކައުންސިލްގެ ރައީސް ޙުސައިން ސިރާޖް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދުވެގެން އައި ވަރަށް މުހިންމު މަޤުޞަދުތަކެއް ޙާސިލުކުރުމަށް ކަމަށެވެ. އެ މަޤުޞަދުތައް ޙާސިލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނީ ވަކީލުންގެ ޤާބިލުކަން އިތުރުކުރުމަށާއި ޤާނޫނީ ފަންނު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށް ސިރާޖް ވިދާޅުވިއެވެ.
އެގޮތުން ބާ ކައުންސިލުން ދޫކުރާ ވަކީލުކަމުގެ ލައިސަންސް އައު ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ތަމްރީން ޕްރޮގުރާމްތަކެއް ފުރިހަމަކުރަން ޖެހޭގޮތް ހެދުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ވަކީލަކުވެސް ގަވާއިދުގައި ކަނޑައެޅޭ ވަކި ގަޑިއިރަކަށް މުޖުތަމަޢުގައި ތިބި ޤާނޫނީ އެހީތެރިކަން ބޭނުންވާ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭސާބަހަށް ޚިދުމަތްކޮށްދޭންޖެހޭ ގޮތަށް ހެދުމަށްވެސް ނިންމަވާފައިވާކަމަށް ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކޮންމެ ވަކީލަކުވެސް ތަމްރީން ޕްރޮގުރާމްތަކާއި ހިލޭސާބަހަށް މަސައްކަތްކުރަންޖެހޭ ވަގުތު ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެކަން ތަންފީޒުކުރަން އަންނަ އަހަރު ކުރީކޮޅު ގަވާއިދު އެކުލަވާލެވޭނެ ކަމަށެވެ. އަދި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށްފިނަމަ، ވަކީލުކަމުގެ ލައިސަންސް އައު ނުކޮށްދެވޭނެކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖްގެ ވާހަކައިގައި ޤާނޫނީ ވަކީލުކަންކުރުމުގައި ވަކީލުން ވިސްނަންޖެހޭ ބައެއް ކަންކަންވެސް ޙިއްސާކުރެއްވިއެވެ.
"ކޮންމެ ވަކީލަކުވެސް އަޚުލާޤީ މިންގަނޑުތައް ދެމެހެއްޓުން މުހިންމު. ތެދުވެރިކަމާއެކު މަޢުލޫމާތު ހާމަކުރަންވާނެ. ޙަޤީޤަތް އޮޅުވާލައިގެން ނުވާނެ. އަނެއް ޚަސްމުންނާއި ފަނޑިޔާރުންނާ އިޙުތިރާމާއެކު މުޢާމަލާތުކުރުން މުހިންމު. ވަކީލެއްގެ އިސް މަސައްކަތަކަށް ވާންވާނީ ޢަދުލު އިންސާފު ޤާއިމުކުރުން." ސިރާޖް ވިދާޅުވިއެވެ.
ބާ ކައުންސިލްގެ ވަކީލުންގެ ދަފުތަރުގައި މިވަގުތު 1924 ޤަނޫނީ ވަކީލުން އެބަތިއްބެވެ. ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ބާ ކައުންސިލާއެވެ. ބާ ކައުންސިލް އުފެދުނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއެކު 2019 ވަނަ އަހަރުއެވެ.