ޚަބަރު

އޭޝިއަން ޔޫތު ގޭމްސް 2025: މެޑްލޭ ރިލޭ އަންހެން ގައުމީ ރެކޯޑު މުގުރާލައި، އެތުލެޓިކްސް ޓީމް ފައިނަލަށް


ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓްގެ ސެމީ ފައިނަލް ހީޓް އެކެއްގައި ވާދަކޮށް، ރާއްޖޭގެ އެތުލެޓިކްސް ޓީމުން މެޑްލޭ ރިލޭ އަންހެން ގައުމީ ރެކޯޑު މުގުރާލައި، އިވެންޓްގެ ފައިނަލް ހީޓަށް ދަތުރުކޮށްފިއެވެ.

މިއަދު ސެމީ ފައިނަލް ހީޓް އެކެއްގައި ވާދަކޮށް ރާއްޖޭގެ މަރިޔަމް މައިހާއާއި އައިޝަތު ލުހްޔާ، ޝުއާ އަހުމަދު އަދި އަމަތުﷲ ބިންތު ޔާމީން ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހެދީ ދެމިނެޓް، 31.25 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭޝިއަން ޔޫތު ގޭމްސްގައި ދުވުނު ޒުވާން ހަތަރު އެތުލީޓުން ރާއްޖޭގެ ރެކޯޑު މުގުރާލީ ބޮޑު ތަފާތަކުންވެސް މެއެވެ.

ކުރިން އައިޝަމް ޝައިމް އަޒީޒާއި ހައްވާ މުޒްނާ ފާއިޒް، އައިޝަތު ނުބްލާ ނާހިދު ޝައުގީ އަދި ޖަޒްލާ ހަސަން އަހުމަދު ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހަދާފައި ވަނީ ދެމިނެޓް 43.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރެކޯޑު ހަދާފައިވަނީ މާލޭގައި ބޭއްވި އިންޓަ ސްކޫލް ޗެމްޕިއަންޝިޕްގައެވެ.

މިއަދު ހީޓްގެ ތިންވަނައަށް ރާއްޖޭގެ ރިލޭ ޓީމުން ރޭސް ނިންމައި، އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓްގެ ފައިނަލަށް ކޮލިފައިވި އިރު، އެޓީމުން ހޯދާފައި ވަނީ ތާރީހީ ކާމިޔާބީއެކެވެ.