އައްްޑޫ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ޚާއްސަ ހަރަކާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ދެ ރަށުގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ދެ ރަށް ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މިރޭ 8:30 ހުޅުދޫމީދޫ މެދު ބަނދަރުގައި ކުރިއަށްގެންދާ މިހަރަކާތުގައި ހަވާއެރުވުންވެސް ކުރިއަށްދާނެއެވެ. އަދި ދެ ރަށް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މުޙައްމަދު ޝާހިދު އާއި އަބްދުއްރަޙުމާން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ބާއްވާ މި ހަރަކާތް ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީގެ 3 ރަށެއް އިދާރީގޮތުން ވަކިކޮށް، ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އިއްޔެ ވަނީ ވޯޓު ނަގާފައެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ އަދި މީދޫގެވެސް ރައްޔިތުންގެ އަޣުލަބިއްޔަތުން ރުހުން ދީފައިވަނީ ވަކި ކައުންސިލްތައް އުފެއްދުމަށެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ވަކި ނުވުމަށެވެ.