ޓުއަރިޒަމް

ފަތުރުވެރިކަމާގުޅޭ ޚާއްސަ މަހާސިންތާއެއް ރާއްޖޭގައި ބާއްވަނީ


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވާ މަހާސިންތާއެއް، ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ.

މިއީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވުމަށް ހަމަޖެހިފައިވާ މަހާސިންތާއެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ، ސެޕްޓެންބަރުމަހުގެ 27 ވަނަ ދުވަހު ބާއްވަވާ މި މަހާސިންތާ ބާއްވަވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ. މި މަހާސިންތާގައި 150 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ. 4 ސެޝަނަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މަހާސިންތާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުން، ފަތުރުވެރިކަމާއި ކުނިމެނޭޖްކުރުން، ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުން އަދި ފަތުރުވެރިކަމާއި އޭވިއޭޝަން، ހިމެނެއެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީން ގެންދަވަނީ ގިނަ ޙަރަކާތްތަކެއް ރާއްވަވަމުންނެވެ. އޭގެތެރޭގައި ގަސްއިންދުމުގެ ޕްރޮގްރާމަކާއި، ސާފުކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން އެދުވަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިނަށް މަރުޙަބާކިޔުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ރާއްޖޭގެ އެއަރޕޯޓްތަކުގައި ކުރިއަށް ގެންދެވުމަށް އެމިނިސްޓްރީން ގެންދަވަނީ ރާއްވަވަމުންނެވެ.