ތިމާވެށި

އޭދަފުށި ކުނި މެނޭޖްކުރަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ


ބ. އޭދަފުށީގައި ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް އަންނަމަހުގެ އެއްވަނަ ދުވަހު ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އޭދަފުށީ ކައުންސިލްގެ ރައީސް ނާޒްލީނާ ޔޫސުފް ވިދާޅުވީ، ކައުންސިލްގެ ބެއްލެވުމުގެ ދަށުން އެމަސައްކަތް ބަޔަކާ ޙަވާލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ. އޭދަފުށްޓަކީވެސް އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު، ރަށުގައި އުފެދޭ ކުނީގެ މިންވަރުވެސް ދުވަހެއް ދުވަހަކަށް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ކުނި މެނޭޖްކުރުމަށް ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ދަށުން، ގޭގެއިން ކުނި ނަގައިގެން ކުނިކޮށްޓަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ނާޒްލީނާ ވިދާޅުވިއެވެ.

ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ އޭދަފުށީގައި މިހާރު ކުނި ނައްތާލަނީ ކުނި އަންދައިގެނެވެ. އަދި އެރަށުގައި އެކަމަށް ޚާއްޞަ ކުނިކޮށްޓެއްވަނީ ޤާއިމްކޮށްފައެވެ.